މާދަމާ އޮންނަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބު – އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް

ލިޔުނީ: ރާމިޒް

inthi-ds

ރާއްޖޭގެ ތާރީޚްގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބު ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މާދަމާ މުޅިރާއްޖޭގައި އޮންނަ މިއިންތިޚާބުގައި 77 ދާއިރާއަކަށް ޖުމްލަ 455 ކެންޑިޑޭޓުން ވާދަކުރާނޭ ކަމަށާއި، މިދިޔަ އަހަރު އިލެކްޝަންސް އިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށްފައިވަނީ ހަތަރުސަތޭކަ ފަންސާހެއްހާ ކެންޑިޑޭޓުންނެވެ. އެހެން ކަމުން މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބެވެ.
އިންތި ވިދާޅުވީ ކޮންމެ ރަށެއްގެ އެމްޑީޕީގެ މެންބަރަކަށް ވެސް ރަޖިސްޓްރީކުރުމަކާ ނުލައި އެމީހަކު ނިސްބަތްވާ ދާއިރާއަކަށް މާލޭގައި ވޯޓުލެވޭނޭ އިންތިޒާމް އިމާދުއްދީން ސްކޫލުގައި ހަމަޖެހިފައިވާނޭ ކަމަށާއި މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުލުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއިންތިޚާބަކީ ވިހާވެސް އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިންތި ވިދާޅުވިއެވެ.
އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކެންސަލްކުރުމަށްފަހު މިއަންނަ ހުކުރު ދުވަހު މެންދުރުފަހު 2.30 ން ފެށިގެން ރޭގަނޑު 7.30 އަށް ބާއްވާ ގޮތަށް ހަމަޖެހިފައިވާ މިއިންތިޚާބުގެ ވޯޓުލުން ހަމަޖެހިފައިވަނީ ރާއްޖޭގައި ބާއްވާ އެހެނިހެން އިންތިޚާބުތަކެކޭވެސް އެއްފަދައިން ވޯޓުކަރުދާހުގައި ފާހަގަޖަހައިގެން ވޯޓުފޮއްޓަށް ވައްޓާލާ ގޮތަށެވެ. އެހެންނަމަވެސް މާލެފިޔަވައި، އެމީހަކު ރަށްވެހިވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އުޅޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް އެފަރާތްތަކުގެ ނަންބަރުތައް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި ވެސް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.
މިއިންތިޚާބު ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޑީޕީ އޮފީހުގައި މިހާރު ވަމުންގެންދާ ކަމަށާއި، މިހާރު މިއިންތިޚާބުގެ ވޯޓުކަރުދާސް ހުރިހާ ޕްރޮވިންސަކަށް ފޮނުވާފައިވާނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.