ނައިފަރުގައި އިމާރާތްކުރާ 25 ރޯހައުސްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ މިއަދު އަޅުއްވައިދެއްވައިފި

29 ސެޕްޓެމްބަރ 2010

12

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅު ނައިފަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށުގައި އިމާރާތްކުރާ 25 ރޯހައުސްގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި 25 ރޯހައުސްގެ ބިންގާ އަޅުއްވައިދެއްވީ، މި ގެތައް އެޅުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހުއެވެ.

ނައިފަރުގައި މި އިމާރާތްކުރާ 25 ރޯހައުސްއަކީ ސަރުކާރުން ވަޢުދުވެފައިވާ އަތްފޯރާއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ރޯހައުސްތަކެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް އާއި ސްވިފްޓް އިނޖިނިއަރިންގ އާއި އަމީން ކޮންސްޓްރަކްޝަނާއެވެ. އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭތާ 21 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްފެށޭނެ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢްލޫމާތު ދެއްވައެވެ.

މި ރޯހައުސްތައް ފަރުމާކޮށްފައިވަނީ ދެބުރިއަށެވެ. ތިރީބުރި ފަރުމާ ކުރެވިފައިވަނީ ސިޓިންގ ރޫމަކާއި، ބަދިގެއާއި، ކާގެއާއި ގުދަނަކާއި، ފާޚާނާއެއް ހިމެނޭގޮތަށެވެ. އަދި، މަތީ ބުރީގައި ތިން ކޮޓަރިއާއި ތިން ފާޚާނާ ހިމެނޭނެއެވެ.