ނައިފަރުގައި އިފްތިތާހް ކުރާ އެމްޑީޕީގެ ތިން ގޮފި އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ

29 ސެޕްޓެމްބަރ 2010

ލިޔުނީ: ރާމިޒް

އުތުރު ޕްރޮވިންސްގެ ޅ.ނައިފަރުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 3 ގޮފި އިފްތިތާހްކުރުމަށް އެރަށުގައި ބާއްވާ ރަސްމިއްޔާތުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީކަމަށްވާ އެމްޑީޕީގެ ޒުވާނުންގެ ގޮތްޕަކާއި، އަންހެނުންގެ ގޮތްޕަކާއި، މަސްވެރިންގެ ގޮތްޕެއް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް މިކުރައްވާ ދަތުރުފުޅުގައި ނައިފަރު މަސްވެރި ރައްޔިތުންނާއި، ނައިފަރުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހިންގުންތެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލައްވާނެއެވެ. ނައިފަރުގައި އަތްފޯރާ އަގުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ބައިތައް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެއްވުމާއި، އެމަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 25 ރޯހައުސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފާދިއްޕޮޅަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޢްލޫމާތުތައް ހާމަކުރެއްވުމަށް ނައިފަރުގައި މިރޭ ބާއްވަވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް މިކުރައްވާ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެވެ.