ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑު މިއަދު ފާސްކުރައްވައިފި

28 ސެޕްޓެމްބަރ 2010

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑު މިއަދު ފާސްކުރައްވައިފިއެވެ. މިސުލޫކީ މިންގަނޑު ފާސްކުރެއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާމެދު ވަޒީރުން ދެއްވާފައިވާ ޚިޔާލުފުޅުތަކަށް ރިޢާޔަތް ކުރެއްވުމާއެކު، އެކުލަވައިލެވިފައިވާ ކަރުދާހާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑާމެދު ވަނީ 2010 އޯގަސްޓް މަހުގެ 3 ވަނަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރައްވާފައެވެ. އެދުވަހުގެ މަޝްވަރާތަކަށްފަހު، މެންބަރުން ވަނީ ސުލޫކީ މިންގަނޑުގައި ހިމެނޭ، ވަޒީރުން، ރައްޔިތުންގެ މަޖިލީހާ މުޢާމަލާތު ކުރައްވާނެ ގޮތްތަކާއި، ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވެވަޑައިގަތުމާއި، ޖަވާބުދާރީވެވަޑައިގަތުމާބެހޭ މާއްދާ ފާސްކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުގައި، އެމަޖިލީހުގެ އަސާސީ ސިފަތަކާއި، ވަޒީރުން މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޢަމަލުކުރައްވާނެ އަދި ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ގޮތްތަކާއި، ވަޒީރުންގެ އަމިއްލަ މަޞްލަޙަތު ހިމެނޭ ކަންކަމާމެދުގައި ޢަމަލު ކުރައްވަންވާނެ ގޮތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އިޖްތިމާޢީ ޙަރަކާތްތަކުގައި ވަޒީރުން ބައިވެރިވެވަޑައިގެންނެވުމުގައި ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަންކަމާއި، ވަޒީރުންގެ ދަތުރުފުޅުތަކާއި، މަސްއޫލިއްޔަތުތައް ބަދަލުކުރެއްވުންފަދަ ކަންކަމުގައި ޢަމަލުކުރައްވާނެ މައިގަނޑު ގޮތްތައް ހިމަނުއްވާފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، އެމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ތަންފީޒު ކުރެއްވުމުގައި، އެކަންކަމާ ގުޅުންހުރި އޮފީސްތަކުން ޢަމަލު ކުރައްވާނެ ގޮތްތަކާމެދު މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި ހދ. ހަނިމާދުއަށް ބަދަލުކުރެވިފައިވާ ހއ. ހަތިފުށީ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެއްސެވުމާ ބެހޭގޮތުން އުޞޫލެއް އެކުލަވައިލެއްވުމާއެކު، އެކަންކަމަށް ހިނގާނެ ޚަރަދު، މިއަންނަ އަހަރަށް ބަޖެޓް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމަވާފައެވެ.