ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޖަލު ބަންދުން މިނިވަން ނުކޮށްފިނަމަ ދިވެހިރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތް ކުރާނެ ކަމަށް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
އެގޮތުން ސަރުކާރުން ރައީސް މުޙައްމަދު ނަޝީދު މިނިވަން ނުކޮށްފިނަމަ އެހެން ގައުމުތަކުގެ މީހުން ރާއްޖެ އަށް ދަތުރުކުރުން މަނާ ކުރުމަށާއި ދައުލަތުގެ އިސްވެރިންގެ މުދާ ހިފަހައްޓަން ބައިނަލްއަޤްވާމީ މުޖުތަމައުން ބާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ޖެރެޑް ވިދާޅުވިއެވެ.
އަމާލް ވިދާޅުވީ ރައީސް ނަޝީދު މިނިވަންކޮށްފައި ނޫނީ ޤާނޫނީ ޓީމުން މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ބައިނަލްއަގްވާމީ ހުރިހާ ފަންތިއެއްގައި ވެސް ރައީސް ނަޝީދު މިނިވަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަޝީދު ޖަލަށް ލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބައިނަލްއަގްވާމީ އެތައް ފަރާތަކުން މިހާރު ވެސް ބުނެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އާމާލް ވިދާޅުވީ ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްގެން ވެސް ރައީސް ނަޝީދު މިނިވަންކުރަން މަސައްކަތް ކުރައްވާނެކަމަށާއި، އަދި ރައީސް ނަޝީދު މިނިވަން ވަންދެން އެ މަސައްކަތުގައި ދެމިތިބޭނަނެކަމަށް އަމާލް ވިދާޅުވި އެވެ.