ރައީސް ޔާމިން ރާއްޖޭގެ ރައްޔިތުންނަށް ފުރައްސާރަ ކުރައްވާ ދެއްކެވި ވާހަކަފުޅު ކުށްވެރިކުރުން

ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ރައްޔިތުންގެ އެންމެ %25 ތާއީދު ލިބިވަޑައިގެންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދުމެއްނެތި ރައްޔިތުންނަށް ފުރައްސާރަކޮށް ރޭގައި ދެއްކެވި ވާހަކަފުޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން (އެމްޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅެއްކަމަށް ނުބެލެވެއެވެ. އެއާއި ޙިލާފަށް އެވާހަކަފުޅު ދައްކަވާފައި އެވަނީ ރާއްޖޭގެ ޤާނޫން އަސާސީ އާއި ޑިމޮކްރަސީގެ ހަމަތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހާ ހަމަތަކުން ނެއްޓިފައިވާ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ކުޑަ ޖަމާއަތެއްގެ ބަޔަކާއި މުޙާތަބުކޮށްކަމަށް ދެކެމެވެ.

އެމަނިކުފާނު އެގޮތަށް ވާހަކަފުޅު ދައްކަވާފައިވާއިރު ،އެމަނިކުފާނުގެ މި ސަރުކާރަކީ ޤާނޫނީ ވެރިކަމެއްގެ ކުޑަވެސް މިންވަރެއްގެ ސިފައެއްނެތް ،އަނިޔާވެރިކަމާއި ނާއިންސާފާއި ކޮރަޕްޝާންގެ ލާމަސީލު ސަރުކާރެކެވެ. މިގޮތުން ކުރުމުއްދަތެއްގެ ތެރޭގައި އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ ސަރުކާރުގައި ‘ މާފިއާ ‘ގެ ސިފަ ޖައްސައި މުޅި ޤައުމު ބިރުވެރިކަމާއި ނާއުއްމީދުގެ ތެރެއަށް ގަންބާލަފައިކަން ފާހަގަކުރަމެވެ.

އެއާއި ޙިލާފަށް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވެގެންގޮސަފައިވަނީ މުޅި ރާއްޖެއަށް ޑިމޮކްރަސީގެ ރޮގުންނާއި ތަރައްގީގެ ރޮގުން އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ސަރުކާރެއްގެ ގޮތުގައެވެ. އަދި ރައީސް ނަޝީދު ވަނީ އަބްދުﷲ ޔާމީން އާއި ނުބައްދަލު މިންވަރަކަށް ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދެވުމުގެ އިތުރުން ދުނިޔޭގެ މަޤުބޫލުކަން ހޯދައިފައިކަން ފާހަގަކުރަމެވެ.

ނަމަވެސް އަބްދުﷲ ޔާމީން ފާހަގަ ކުރެވެނީ ރާއްޖޭގެ ރައްޔިތުންނާއި ދުނިޔޭގެ ކުރިމަތީގައި މަޤުބޫލުކަން ކުޑަ އަދި ރާއްޖޭގެ ޑިމޮކްރަސީ އާއި ތަރައްޤީ ފަނާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަބްދުﷲ ޔާމިންގެ ސަރުކާރުގައި ރާއްޖޭގެ ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތަކާއި، އަދުލު އިންސާފު އޮތްގޮތާއިމެދު އ.ދ އިން ފެށިގެން ކަންބޮޑުވުން ފާޅުނުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޖަމާއަތެއް ނެތްކަން ފާހަގަކުރަމެވެ.

އަދި ސިޔާސީ ލީޑަރުންނާއި ސަރުކާރާއި އިނދިކޮޅު ހިޔާލުތަކުގެ މީހުންގެ މައްޗަށް ނުހައްޤުން ޝަރީއަތްތައްކޮށް ، އަދި ޝަރީއަތަކާއިނުލައިވެސް ޖަލުގައި ބޮޑެތި އަދަބުތައްދެމުންދާކަންވެސް ފާހަގަކުރަމެވެ. މިގޮތުން ރައީސް ނަޝީދުގެ މައްޗަށް ނުހައްޤުން ކޮށްފައިވާ ދައުވާއާއި އިއްވައިފައިވާ ހުކުމަކީ ، މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށް މުޅި ދުނިޔޭގެ މަލާމާތް ރައްދުވެފައިވާ އަމަލެއްކަން ފާހަގަކުރަމެވެ. އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާންގެ މައްޗަށް ހުކުމެއް އިއްވުމަކައިވެސްނުލައި ޖަލުގައި އަދަބުދެމުންދާކަމީ ހަގީގަތެކެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ފްރޭމްކޮށްގެން ޖަލުގައި ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަކުރަމެވެ.

ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ތަކުގެތެރޭގައި ކޮރަޕްޝަނާއި ފަސާދަ ސިއްރުގައާއި ފާޅުގައި އަށަގަނެފައިވަނީ އިންތިހާ ދަރަޖައަކަށްކަން ކަންބޮޑުވުމާއިއެކު ފަހަގަކުރަމެވެ. އަދި ކޮރަޕްޝަން އާއި ފަސާދައިގެ މައްސަލަތައް ބެލުމުގެ އެންމެހައި ދޮރުތަށް ބަންދުކޮށްފައިވަކަން ފާހަގަ ކުރަމެވެ.

އަބްދުﷲ ޔާމީންގެ ސަރުކާރު އައިފަހުން ރާއްޖެގައި ރިކޯޑް އަދަދަކަށް މީހުން މެރުމާއި، ވަޅި ހެރުމާއި ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވުމާއި ބިރުދެއްކުން އިތުރުވެފއިވާކަން ފާހަގަކުރަމެވެ. އަދި އެފަދަ މައްސަލަތައް ސަރުކާރުން ގަސްތުގައި ނުބަލައި މުޖުރިމުންނަށް ވާގިވެރިވާ ސަރުކާރެއްގެ ގޮތުގައި ދެމިއޮންނަކަން ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ސެކްރެޓޭރިއަޓް
ތާރީހް: 6 ސެޕްޓެމްބަރ 2015