އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ފަރާތުން އަވަށްޓެރި ސްރީލަންކާގެ ފޮރިން މިނިސްޓަރ ހޮނަރަބްލް މަންގަލަ ސަމަރަވީރާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ބޭރުގެ ސަފީރުންނާ ބައްދަލުކުރައްވައިފިއެވެ.
އޮގަސްޓު 28 ވަނަ ދުވަހު ސްރީލަންކާގެ ފޮރިން މިނިސްޓަރާ އެކު އޮތް ބައްދަލުކުވުމުގައި އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހޮނަރަބްލް އަބްދުﷲ ޝާހިދާއި ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފް އާއި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަޙްމަދު ތަސްމީން ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދާނާކޮށް، ޤާނޫނުގެ ވެރިކަން ޤާއިމުކުރުމަށާއި ސިޔާސީ މަޝްރަޙްގައި ދިމާވެފައިވާ ކަންކަން ޙައްލުކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާ ކުރެއްވިއެވެ. މިބައްދަލުވުން އޮތީ ސްރީ ލަންކާގެ އެކްސްޓަރނަލް އެފެއަރޒް މިިނިސްޓްރީގައެވެ.
ފޮރިން މިނިސްޓަރގެ އިތުރުން ދިވެހިރާއްޖެއަށް ކަނޑއަޅުއްވާފައިވާ ބޭރުގެ ޤައުމުތަކުގެ ސަފީރުންނާވެސް އެމްޑީޕީގެ ވަފްދު ބައްދަލުކުރެއްވިއެވެ. ހޯމަ ދުވަހު ޔޫރަޕިއަން އިއްތިޙާދު، އެމެރިކާ، ފްރާންސް، ޖަރުމަނު ވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، އިޓަލީ އަދި ނެދަރލެންޑްސްގެ ސަފީރުންނާއެކު ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަޙާ ގުޅޭ ގޮތން ކަންބޮޑުވުން ފާޅުކޮށް މަޝްވަރާ ކުރެވުނެވެ. ވަކިން ޙާއްސަކޮށް ދިވެހިރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް އަލުން އަނބުރާ ޖަލަށް ގެންދިއުމާ އެމަނިކުފާނުގެ ޢާއިލާއަށް ސަރުކާރުން ފުރައްސާރަ ކުރަމުން ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމްޑީޕީގެ ވަފްދު ވަނީ ހޯމަ ދުވަހުގެ ރޭ މާލެ ވަޑައިގަންނަވާފައެވެ.