28 ސެޕްޓެމްބަރ 2010
ލިޔުނީ: ރާމިޒް
މިއަންނަ އޮކްޓޫބަރު މަހުގެ 1 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެޕާޓީގެ އޮފީހުގައި ވަމުން ގެންދާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިގޮތުން އެޕާޓީގެ އޮފީހުގައި މިހާރު ކުރިޔަށްދަނީ ވޯޓު ކަރުދާހާއި، ވޯޓުލުމަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއި، އޮބްޒާވަރ ފާހާއި، ވޯޓާސްރަޖިސްޓްރީ ފަދަ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތްކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިމަސައްކަތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ހިލޭ ސާބަހަށް މަސައްކަތްކުރައްވަމުން ގެންދާކަން އެމްޑީޕީ ސެކްރެޓޭރިއަޓުން އުފަލާއެކު ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު މިދިޔަ ހުކުރު ދުވަހު އެސްއެމްއެސް މެދުވެރިކޮށް ވަރަށް އޮމާންކަމާއެކު ބާއްވަމުން ދަނިކޮށް، އެސްއެމްއެސްތައް ފޮނުވަމުންދިޔަ އިނގިރޭސިވިލާތުގެ ނަންބަރަށް، ވަކި ހިސާބަކުން އެސްއެމްއެސް “ޑެލިވަރ” ވުމުގައި މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން އެއިންތިޚާބުވަނީ ކެންސަލްކޮށްފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ވޯޓުލުމުގައި އެހީތެރިއަކު ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެހެން ނަމަވެސް ކޮންމެ ބޭފުޅަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނީ އެއްބޭފުޅަކަށް ކަމަށާއި، އެހީތެރިކަންފޯރުކޮށްދެއްވާ ފަރާތަކީވެސް އެމްޑީޕީގެ މެންބަރަކަށް ވާންޖެހޭނޭ ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި މިފަހަރު ވޯޓުކަރުދާހުގައި ވޯޓުލުން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވީ ނަމަވެސް ޚާއްސަކޮށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ގިނަ ފަރާތްތަކަކުން އެސްއެމްއެސްއިން ވޯޓުލުމަށް ފޯން ނަންބަރު ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި އެފަރާތްތަކުގެ ފޯން ނަންބަރު ރަޖިސްޓްރީކޮށްފައިވާތީ އެފަދަ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު މިފަހަރު ވެސް ހުޅުވާލެވިފައިވާ ކަމަށާއި، އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏާ ގުޅިގެން ކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ އެސްއެމްއެސް ވެސް ފޮނުވަން ޖެހޭނީ އިނގިރޭސި ވިލާތުގެ ނަންބަރަކަށް ކަމަށް އެޕާޓީން ބުނެއެވެ.