އިންޑިއާގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި އެމް.ޑީ.ޕީ އިން ތަޙުނިޔާކިޔުން

އިންޑިއާގެ ފަޚުރުވެރި މިނިވަންދުވަސް އެ ޤައުމުގެ ރައްޔިތުން މިއަދު ފާހަގަކުރަމުންދާއިރު، އެ މުނާސަބަތުގެ އުފަލުގައި އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށާއި ސަރުކާރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާއާއި ތަޙުނިޔާ ފޮނުވަމެވެ.

އިންޑިއާގެ ކޮންމެ ރައްޔިތަކުމެ އެ ޤައުމުގެ ތާރީޚަށް އެނބުރި ބަލާއިރު ފަޚުރުވެރި ތާރީޚެއް ފެންނަން އޮތުމުގެ އިތުރުން، އެ ޤައުމުގެ މުސްތަޤުބަލު ވެސް ފެންނަން އޮތީ ކުރިއެރުމާއި އުއްމީދުތަކުގެ މަތީގައިކަން ފާހަގަކުރަމެވެ.

އިންޑިއާގެ މިނިވަންކަމުގެ ބަޠަލުންނާއި ރައްޔިތުން އެ ޤައުމުގައި ލޭ އޮހޮރުމަކާނުލައި، ކެތްތެރިކަން އިސްކޮށް މިނިވަންކަމަށްޓަކައި ކުރި މަސައްކަތާއި، ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަން ޤާއިމުކުރުން ބަލައިގެންފައިވާ މިންވަރަކީ މުޅި ދުނިޔެއަށް ދައްކާފައިވާ މިސާލެކެވެ. އިންޑިއާގެ މިނިވަންކަމާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ގޮތުގައި އޮތް އޮތުމަކީ މުޅި ދުނިޔެއަށް އުއްމީދު އާލާވެގެންދާ ކަމެކެވެ.

އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ އެންމެ މުހިއްމު ބައިވެރިޔާއެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް އެކުވެރި ގުޅުމަކީ މި ޕާރޓީއާއި ދިވެހި ރައްޔިތުން ނުހަނު ބޮޑަށް އަގުވަޒަންކޮށް، އަދި އެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެގޮތަށް ތާއަބަދު އެގޮތުގައި އޮތުމަށް އެދޭ ގުޅުމެކެވެ.

އިންޑިއާގެ އުފާވެރި މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އެ މިނިވަންކަން އަބަދުމެ ރައްކާތެރިކަންމަތީ އޮތުމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ފާގަތި އަދި އުފާވެރި މުސްތަޤުބަލަކަށް މި ޕާރޓީން އެދެމެވެ.

15 އޯގަސްޓް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް