ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ދަޢުވާ އަދި ޝަރީޢަތާ ގުޅޭ އިސްތިޢުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާ ނުކުތާތައް މިއަދު ޕްރޮސެކިއުޓަރ ޖެނެރެލްއަށް ފޮނުއްވަވައިފި

13 މާޗް 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާތީއާއި، އެމައްސަލަ އިސްތިއުނާފްކުރައްވަނީ ރައީސް މުޙައްމަދު ނަޝީދަށް އިންސާފު ހޯއްދަވައި ދެއްވުމަށް ކަމަށް ވިދާޅުވެފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާ އިސްތިއުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެން 30 ޖުލައި 2015 ދުވަހު ފޮނުވި ނުކުތާތަކުގެ އިތުރުން، އެ އިސްތިނާފްގައި ހިމަނުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ އިތުރު ނުކުތާތައް ޕްރޮސިކިއުޓަރ ޖެނެރަލްއަށް މިއަދު ފޮނުއްވައިފިއެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން މި ނުކުތާތައް ޕްރޮސެކިއުޓަރ ޖެނެރެލްއަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަޠީފްއެވެ.

މިއަދު ހުށަހެޅުއްވި ނުކުތާތަކުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީޢަތާ ގުޅޭ ގޮތުން ފާހަގަ ކުރެވުނު ނުކުތާތައްވެސް ޕްރޮސެކިއުޓަރ ޖެނެރެލްގެ އިސްތިޢުނާފީ މައްސަލައިގައި ހިމަނުއްވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

30 ޖުލައި 2015 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރެލްއަށް ހުށަހެޅުނު ނުކުތާތަކާމެދު މީޑިޔާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ހުށަހެޅުއްވި ނުކުތާތައް އިސްތިއުނާފީ މައްސަލައިގައި ހިމަނުއްވާނެކަމަށް ވިދާޅުވެފައިވާ ހިނދު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ހުށަހަޅުއްވާ އިސްތިއުނާފީ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ހުރިހާ ނުކުތާތަކެއް ހިމެނުއްވުމަކީ އެމަނިކުފާނު ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަކީ، ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމުގައި ޢަމަލުކުރަމުން އައި، އިސްތިޤްރާރުވެފައިވާ ހަރުދަނާ އެތައް އުޞޫލަކަށް ލޮޅުން އަރުވައި، ހަމަޖެހިފައިވާ އުޞޫލުތަކުގެ ބޭރުން ކޮށްފައިވާ ބޭއިންސާފު ޙުކުމެއް ކަމަށްވާއިރު، އިންސާފުވެރިކަމާއެކު އިސްތިޢުނާފްގެ މަރުޙަލާ ނިމި ރައީސް ނަޝީދު މިނިވަންވުމަކީ މުޅި ދިވެހިރާއްޖެއަށް މިވަގުތު އެންމެ މުހިއްމު ކަންކަމުގައި ކަމުގައި ދެކެމެވެ.