އަދާލަތު ޕާރޓީގެ ރައީސް އައްޝެއިޚް އިމްރާން ޢަބްދުﷲ ޖަލުގައި ބަންދުކުރުމަށްފަހު އެމަނިކުފާނުގެ ބަންދާ މެދުގައި މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުން ޢަމަލުކުރަމުން ގެންދާ ނާއިންސާފު ގޮތްތަކާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
1 މޭ 2015 ގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އައްޝެއިޚް އިމްރާން ޢަބްދުﷲ ބަންދުކޮށް ޖަލަށްލި ފަހުން މިހާރު 3 މަސް ފާއިތުވެ ގޮސްފައިވާއިރު، އެހުރިހާ ދުވަސްތަކުގައި އެމަނިކުފާނަށް ނުޙައްޤުން ޖަލުގެ އަދަބުލިބިވަޑައިގަންނަމުން އެދަނީ ކޯޓުން ޙުކުމެއް ކުރުމަކާ ވެސް ނުލައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ވަރަށް ކުޑަ ހިނދުކޮޅަކަށް އެމަނިކުފާނު ޖަލު ބަންދުން ދޫކޮށްލުމަށްފަހު އަނެއްކާ ވެސް ހަމަ އެ މައްސަލާގައި ޖަލުގައި ވަނީ ޙައްޔަރުކޮށްފައެވެ. އަދި އޭގެ ފަހުން ދާދި އިހަކަށްދުވަހު އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމާއެކު ޖެހިގެންއައި ދުވަހު އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ ވަރަށް ނާއިންސާފު އަދި ޤާނޫނީ އެއްވެސް ހަމައެއްގެ މަތިން ނޫންކަމާއި އަދި ބައިނަލްއަޤުވާމީ އެންމެހައި މިންގަނޑުތަކާ އުސޫލުތަކާ ޚިލާފަށްކަން ފާހަގަކުރަމެވެ.
އައްޝެއިޚް އިމްރާން ޢަބްދުﷲ ޙުކުމަކާ ނުލައި އެތަކެއް މަސްދުވަސް ވަންދެއް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ އެމަނިކުފާނަށް ކަނޑައެޅިގެން ދެމުންދާ އިންސާނިއްޔަތާ ޚިލާފު ނުޙައްޤު ބޮޑު އަދަބެކެވެ. އަދި އެއީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުގެ ނާއިންސާފުކަމާއި އަނިޔާވެރިކަން ހާމަކޮށްދޭ ލާމަސީލު މިސާލެކެވެ. އެހެންކަމުން މިފަދަ ނާއިންސާފާއި އަނިޔާވެރިކަން އިސްނުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާހިނދު، އައްޝެއިޚް އިމްރާން ޢަބްދުﷲ ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ގޮވާލަމެވެ.
9 އޯގަސްޓް 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް