ރިޟްވާން ގެއްލުނު މައްސަލަ ތަހްގީގު ކުރުމަށް ގޮވާލުން ތަކުރާރުކޮށް ، އަދި 8 އޯގަސްޓުގައި ބާއްވާ ‘ސުވާލު މާރޗު’ ގައި ބައިވެރި ވުމަށް އެމްޑީޕީން ގޮވާލުން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުނުތާ 1އަހަރު ފުރިގެން ދާއިރު އެކަމުގެ ހިތާމައާއި ކަންބޮޑުވުން ފާހަގަ ކުރުމުގެ ގޮތުން ރިލްވާނުގެ އާއިލާއާއި ހެޔޮއެދޭ ފަރާތްތަކުން އިންތިޒާމްކޮށްގެން 8 އޯގަސްޓުގައި ބާއްވަން ހަމަޖެހިފައިވާ ‘ސުވާލު މާރޗު’ ގައި މި ޕާޓީގެ އެންމެހައި މެމްބަރުންނާއި އެންމެހައި ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް މި ޕާޓީން ވަރަށް ބޮޑަށް އެދޭކަމުގައި ދަންނަވަމެވެ.

އަހްމަދު ރިޟްވާން ގެއްލިފައިވާއިރު އެއީ ބަޔަކު މީހުން އޭނާ ވަގަށްނަގައިފާ ވާ ކަމަށް ޤަބޫލުކުރެވޭ މައްސަލައަކަށް ވާއިރު އެކަމަކީ މިޕާޓީން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އަދި މި ޕާޓީގެ އެކިއެކި ފޯރަމްތަކުގައި އެމައްސަލަ ފަރުވާތެރިކަމާއިއެކު ތަހްގީގު ކޮށްދިނުމަށްއެދި ސަރުކާރަށް ގޮވާލަމުންދާ މައްސަލައެކެވެ. ހަމަ އެފަދައިން ބުދަދުވަހު ބޭއްވުނު ޤައުމީ މަޖިލިހުގެ ބައްދަލުވުމުގައިވެސް މި ޕާޓީން 8 އޯގަސްޓުގައި އޮންނަ ސުވާލު މާރޗުގައި ބައިވެރިވުމަށް ވަނީ މި ޕާޓީގެ ޤައުމީ މަޖިލިހުގެ މެމްބަރުންނާއި އެންމެ މެންބަރުނަށް އިލްތިމާސްކޮށްފައެވެ. މިކަން މިހެން އޮތްއިރު އެމްޑީޕީއާއި ސަރުކާރާއި ދެމެދުގައި ދެކެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ވާހަކަތަކުގެ ތެރޭގައިވެސް ރިޟްވާން ގެއްލިފައިވަ މައްސަލައަކީ ހާއްސަ މައްސަލައެއްގެ ގޮތުގައި އެމްޑީޕީން ފާހަގަކޮށް އެމައްސަލަ ތަހްގީގްކުރުމަށް ސަރުކާރަށް ގޮވާލައިފައިވާނެއެވެ. ރިޟްވާން ގެއްލިފައިވަ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނާއި، އދ ޢާއި ދުނިޔޭގެ ނޫސްވެރިކަމުގެ ޖަމިއްޔާތަކުންނާއި އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތުން ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. އަދި އެމައްސަލަ ފުރިހަމަޔަށް ތަހްގީގުކުރުމަށް ސަރުކާރަށް ގޮވާލަމުންދާ މައްސަލައެކެވެ.

އަހްމަދު ރިޟްވާނު ގެއްލިފައިވާ ނުވަތަ ވަގަށްނަގައިފައިވާ މައްސަލައާއި ގުޅިގެން ފުލުހުންނާއި ސަރުކާރުން އެކަށީގެންވާ ތަހްގީގެއް ކުރައްވާފައި ނުވާތީ އެމައްސަލައަށް 1 އަހަރު ފުރިގެންދާއިރުވެސް ސަރުކާރުން ވަނީ ރިޟްވާނުގެ އާއިލާއަށައާއި ރައްޔިތުންނަށް ޖަވާބުދާރި ނުވެވިފައެވެ. މިކަމަކީ މިޕާޓީން އިންތިހާޔަޢް ކަންބޮޑުވާކަމެކެވެ. އެހެންކަމުން 8 އޯގަސްޓު ދުވަހު ބާއްވާ ސުވާލުމާރޗާއި އަދި އޭނާގެ އާއިލާއިން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތައް އާހިއްވަރެއް ދިނުމަށާއި އެމައްސަލަ ހަދާނުންނެތިގޮސް ހައްލެއް ނުލިބި ނިމިގެން ދިޔަ ނުދިނުމަށްޓަކައި ރިޟްވާނު ހޯދުމަށް ސަރުކާރަށް ގޮވައިލާ 8 އޯގަސްޓްގައި ބާއްވާ ސުވާލުމާރޗުގައި މިޕާޓީގެ އެންމެހައި މެމްބަރުންނާއި ދިވެހި އެންމެހައި ރައްޔިތުން ބައިވެރވަޑައިގަތުމަކީ މިޕާޓީން ނުހަނު ބޮޑައް އެދޭކަމެއްކަމުގައި ދެންނެވީމެވެ.

ބަޔާން ނެރުނީ : އެމްޑީޕީގެ ސެކްރެޓޭރިއަޓް
ތާރީހް 6 އޯގަސްޓު 2015