ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރާއެކު މަޝްވަރާތައް ފެށީ ސަރުކާރުން ކުރިމަތިކުރުވި ޝަރުތުތަކަށް ދޫދިނުމަށްފަހު ހެޔޮނިޔަތުގައެވެ. ސަރުކާރުން އެދިވަޑައިގެން ކަންކަން މިޕާޓީން ދިއައީ ފުރިހަމަކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ.ގެ ތާއީދަށް ސަރުކާރުން އެދިވަޑައިގެން ކަންކަމުގެ ގޮތުގައި ހިމެނެނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަމެވެ.

1. ޤާނޫނުއަސާސީއަށް ގެނެވުނު ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޢުމުރުކަނޑައެޅުމުގެ އިޞްލާޙް: ޝަރުޠުގެ އިޞްލާހާގުޅިގެން މިޕާޓީއިން ހުށަހެޅީ އެމަޤާމަށް ކުރިމަތިލެވޭ އެންމެ ހަގު ޢުމުރު 18 އަހަރަށް ތިރިކުރުމަށާއި އެންމެ ދޮށީ ޢުމުރުގެ ޝަރުޠު ނުބޭއްވުމަށެވެ. ނަމަވެސް، މިޕާޓީ ބޭނުންވާގޮތް ދޫކޮށްލީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ އެދިވަޑައިގަތުމަކަށެވެ. އަދި މިޕާޓީއިން އެގޮތް ދޫކޮށްލައި، ސަރުކާރުން ހުށަހަޅާފައި އޮތްގޮތަށް ވޯޓު ދިނުމަށް 3 ލައިން ވިޕް ނެރުނެވެ.

2. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުޙައްމަދު ޖަމީލު އަޙްމަދު އަޛުލުކުރުން: ނެގުނު ވޯޓާ ގުޅިގެން އެމަނިކުފާނު މަޤާމުން ދުރުކުރުމަށް ވޯޓު ދިނުމަށް 3 ލައިން ވިޕް ނެރުނީ މިއީ މިޕާޓީން ޤަބޫލުކުރާ ކަމަކަށްވެފައި، މިއީ އެމް.ޑީ.ޕީ.ގެ ހުށަހެޅުންތައް ބަލައިގަތުމަށް ސަރުކާރުން ކޮށްފައިއޮތް ޝަރުޠަކަށް ވާތީއެވެ.

3. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢައްޔަނުކުރުމުގެ ވޯޓާގުޅިގެން އެމަޤާމުގައި ބަހައްޓާނޭ ބޭފުޅާކު ކަނޑައެޅުން: މިކަމުގައި މިޕާޓިން އެހީތެރިވެދިނުމަށް ސަރުކާރުން އެދިވަޑައިގަންފައެއްނުވެއެވެ. މިވޯޓާ ގުޅިގެން ޕާޓީގެ ވިސްނުމެއް އަދި ޕާޓީ ދެކޭ ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގައި ޕާޓީން ނެރިފައިވަނީ މަޖިލީހުގައި ވޯޓުދިނުމަށް ފްރީ ވިޕްލައިނެކެވެ.

4. ސަރުކާރުން ބޭނުންވެލައްވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ޤާނޫނުއަސާސީއަށް ހުށަހެޅުއްވި ބިމުގެ އިޞްލާޙު: އުޞޫލެއްގެ ގޮތުން، ބިންވެރިކުރުމާއި ބިން ގަނެ ވިއްކުމަކީ ކޮންމެ ސެންޓަރ ރައިޓް ޕާޓީއެއްގެ ސިޔާސަތުކަމަށް ވީނަމަވެސް މިމައްސަލައާ އެއްކޮޅަށް ވޯޓުދިނުމަށް ޕާޓީގެ ވިޕްލައިން ނެރިފައިނުވަނީ މިއިޞްލާޙުގެ ސަބަބުން އިންޑިއާ ކަނޑުގެ މަޞްލަޙަތު ހިފެއްހެއްޓުމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ހައްލުތައް ލިބޭގޮތަށް ބިމުގެ އިޞްލާޙު ގެނައުމަށާއި އަދި ޝަރުޢީ ނިޒާމް އިޞްލާޙުކުރުމަށް ޤާނޫނުއަސާސީއަށް ގެންނަޖެހޭ ބަދަލުތަކާއެކު ނޫނީ ބިމާ ގުޅޭ އިޞްލާޙު ޤާނޫނުއަސާސީއަށް ނުގެނެއުމަށެވެ. ޝަރުޢީ ނިޒާމް އިޞްލާޙުކުރަން ޤާނޫނުއަސާސީއަށް ހުށަހަޅާ 24 އިޞްލާޙެއް މިޕާޓީން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.

މަޖިލީހުގައި ނެގިގެން ދިޔަ ވޯޓުތަކުގެ އިތުރުން މިޕާޓީއިން ކުރުމަށް ސަރުކާރުން އެދިވަޑައިގެންފައިވާ މައިގަނޑު ކަންކަމަކީ މިޕާޓީން ކުރިއަށް ގެންދާ މަގުމަތީ ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި، ރައީސް ނަޝީދުގެ ފަރާތްޕުޅުން އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާރބިޓަރީ ޑިޓޭންޝަންއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސަރުކާރަށް ރައްދު ދީ ވާހަކަ ނުދެއްކުމާއި، ރައީސް ނަޝީދު ދޫކޮށްލުމުން އެމައްސަލަ އަނބުރާ ނެގުމެވެ. އެމް.ޑީ.ޕީ.އިން ވަނީ މިކަންކަންކުރުމަށް އެއްބަސްވެފައެވެ.

ސަރުކާރުން އެދިވަޑައިގެން ކަންކަން އެމް.ޑީ.ޕީ.އިން މިދަނީ ހެޔޮނިޔަތުގައި ކުރަމުންނެވެ. މިޕާޓީން ސަރުކާރަށް މިގޮވާލަނީ ސަރުކާރުން ކުރުމަށް އެއްބަސްވެވަޑައިގެން ކަންކަން ތަންފީޛުކުރަމަށެވެ. ޚާއްޞަގޮތެއްގައި ތަޙްޤީޤު މަރުޙަލާގައާއި ޝަރުޢީ މަރުޙަލާގައި ހުރި 1700 އަށްވުރެ ގިނަ މީހުންގެ މައްސަލަތައް ޙައްލުކޮށްދިނުމަށާއި، މިޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި ޝަރުއީ ދާއިރާއަށް ގެންނަ ހުށަހަޅާފައިވާ އިޞްލާހުތަށް ގެނައުމަށެވެ.
ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ މިނިވަން ދުވަހުގެ އިޙްތިފާލުތައް ކުރިއަށް ގެންދަވާއިރު ސަރުކާރުން ކުރުމަށް މިޕާޓީއާއެކު އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރުމަށް މިޕާޓީން ގޮވާލަމެވެ.