އައު ޤާނޫނުލް އުޤޫބާތައް ޢަމަލުކުރަން ފެށުމާގުޅިގެން މަރުޙަބާ ކިއުން

މިއަދަކީ ދިވެހިރާއްޖޭގައި މުޅިން އައު ޤާނޫނުލް އުޤޫބާތަކަށް ފުރަތަމަ ޢަމަލުކުރަން ފެށި ތާރީޚީ ދުވަސް ކަމަށްވާތީ އެންމެހައި ދިވެހިންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔަމެވެ.

1960 ގެ އަހަރުތަކުން ފެށިގެން ޢަމަލުކުރަމުން ދިއަ މުސްކުޅި ޤާނޫނުލް އުޤޫބާތު ނިމުމަކަށް ގެނެސް، މިއަދު ޢަމަލުކުރަން ފެށުނު އައު ޤާނޫނުލް އުޤޫބާތަކީ ވަރަށް ބޮޑެތި ދިރާސާތަކަކަށްފަހު އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި ރާއްޖޭގެ އާދަކާދަތަކާއި ބައިނަލް އަޤުވާމީ ހަމަތަކާއި މިންގަނޑުތައް އެކުލެވިގެންވާގޮތުގެމަތިން މިޒަމާނާ އެއްގޮތަށް ތަރުތީބުކުރެވިފައިވާ ވަރަށް ތަނަވަސް ޤާނޫނުލް އުޤޫބާތެކެވެ.

އައު ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފެށުމަކީ މިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލު ގެނައުމަށް ރައްޔިތުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިއަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މި ޕާރޓީން ދެކެމެވެ. އަދި ކުރީގެ ޤާނޫނުލް އުޤޫބާތުން ރައްޔިތުންނަށް ލިބެމުންދިއަ ވަރަށް ގިނަ ނާއިންސާފުތަކެއްގެ ނިމުން، އައު ޤާނޫނުލް އުޤޫބާތުން ގެނެސްދީފައިވާކަން ފާހަގަކުރަމެވެ.

އައު ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން މިއަދު ފެށިފައިވާއިރު، މި ޤާނޫނުލް އުޤޫބާތު ވުޖޫދަށް ގެނައުމުގައި ޝާމިލުވެ، އެހީތެރިވެދީފައިވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރަމެވެ. އަދި މި ޤާނޫނުލް އުޤޫބާތުގެ މަސައްކަތް ދިރާސާކުރައްވައި ޑްރާފްޓްކުރެއްވި ޔުނިވާރސިޓީ އޮފް ޕެންސިލްވޭނިއާގެ ޤާނޫނުލް އުޤޫބާތުގެ މާހިރު ޕްރޮފެސަރ ޕޯލް ރޮބިންސަން އާއި އޭނާގެ ޤާނޫނީ ފަންނީ ޓީމަށް މިފުރުސަތުގައި ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

މި ޕާރޓީން އެދެނީ އައު ޤާނޫނުލް އުޤޫބާތުގެ ސަބަބުން ރާއްޖޭގައި ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާވެ، އެންމެހައި ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި އިންސާފު ޤާއިމުވުމަށް މަގުފަހިވެގެން ދިއުމެވެ.

16 ޖުލައި 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް