ސިޔާސީ ނުތަނަވަސްކަން ފިލުވައި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ދެމެދު ބޭއްވޭ މަޝްވަރާތަކުގެ 2 ވަނަ ބައްދަލުވުން

ސިޔާސީ ނުތަނަވަސްކަން ފިލުވައި، ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ދެމެދު ބޭއްވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން މިރޭ އޮންނަ 2 ވަނަ ބައްދަލުވުމުގައި އަސާސީ ސިފަތަކާއި ޕޮލިޓިކަލް ރިކޮންސިލިއޭޝަންއާ ގުޅޭގޮތުން އެމް.ޑީ.ޕީ.އިން ހުށަހަޅާފައިވާ ކަންކަމަށް ގޮތެއް ނިމިގެންދާނެކަމަށް އެމް.ޑީ.ޕީ.އިން އުއްމީދުކުރަމެވެ. މިޕާރޓީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާނީ ޕާރލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ފުރަތަ ބައްދަލުވުމުގައި އެމް.ޑީ.ޕީ.ގެ ފަރާތުން 4 ކަރުދާހެއް ހުށަހަޅާފައިވެވެ. އެއީ، މަޝްވަރާތަކުގެ އަސާސީ ސިފަތައް ބަޔާންކުރާ ކަރުދާހާއި ޕޮލިޓިކަލް ރިކޮންސިލިއޭޝަން ބަޔާންކުރާ ކަރުދާހާއި ހިންގުމުގެ ނިޒާމާއި ޖުޑީޝަރީ އިސްލާހުކުރުން ބަޔާންކުރާ ކަރުދާހާއި ގައުމުގެ ތަރައްގީއާ ގުޅުން ހުރިކަންކަން ބަޔާންކުރާ ކަރުދާހެވެ. ހުށަހެޅުނު 4 ކަރުދާހުގެ ތެރެއިން މަޝްވަރާތަކުގެ އަސާސީ ސިފަތައް ބަޔާންކުރާ ކަރުދާހާއި ޕޮލިޓިކަލް ރިކޮންސިލިއޭޝަން ބަޔާންކުރާ ކަރުދާހާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް މިރޭ ލިބޭނެކަމަށް ފުރަތަމަ ބައްދަލުވުމުގައި ސަރުކާރުން ވަނީ އިޝާރާތްކުރައްވާފައެވެ. އަސާސީ ސިފަތަކާ ގުޅޭ ގޮތުން އެމް.ޑީ.ޕީ.އިން ވަނީ 5 ކަމެއް ހުށަހަޅާފައެވެ. އަސާސީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ބައެއްކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ހާމަވާގޮތަށް ފުރަތަމަ ބައްދަލުވުމުގައި ސަރުކާރުން ވަނީ ވާހަކަ ދައްކާފައެވެ. އެމް.ޑީ.ޕީ.ގެ ވަފްދު އެމް.ޑީ.ޕީ.އަށް ކަނޑައެޅޭކަމަށް މިނިސްޓަރ ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ. ޕޮލިޓިކަލް ރިކޮންސިލިއޭޝަންއާ ގުޅޭ ގޮތުން އެމް.ޑީ.ޕީ.އިން ވަނީ 6 ކަމެއް ހުށަހަޅާފައެވެ.

5 ޖުލައި 2015