ނޫސް ބަޔާން:އެސް.އެމް.އެސް މެދުވެރިކޮށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުން ކެންސަލްކުރަން މެދުވެރިވި ސަބަބާބެހޭ

ވަގުތުން ނެރުމަށް
MDP-2010-PR-0027ނަންބަރު:
ތާރީޚް: 26 އޮގަސްޓް 2010 (އާދީއްތަ)

އެސް.އެމް.އެސް މެދުވެރިކޮށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުން ކެންސަލްކުރަން މެދުވެރިވި ސަބަބާބެހޭ

24 ސެޕްޓެމްބަރ 2010 ވީ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އެސް އެމް.އެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ އިންތިޚާބު އެހެން ދުވަހަކަށް ( 1 އޮކްޓޫބަރ 2010 ވާ ހުކުރު ދުވަހަށް) ފަސްކުރަން ޖެހުނުކަމަށްޓަކައި އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ.
މިދިޔަ ހުކުރުދުވަހު މެންދުރު ފަހު 2:00 އިން ފެށިގެން، އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުން، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވަރަށް އޮމާންކަމާއެކު ފެށިގެން ދިޔައެވެ. މިގޮތަށް ދޮޅު ގަނޑިއިރު ދެމިގެން ދިއުމަށްފަހު، މާލޭގައި، ކަލާފާނު ސްކޫލްގައި ހުރި ވޯޓުލާ މޭޒުތަކުންނާއި، ރާއްޖެތެރޭގެ ބައެއް ރަށްރަށުން ޝަކުވާކުރަން ފެށީ، ކަނޑައެޅިފައިވާ އިނގިރޭސި ވިލާތުގެ ނަންބަރަށް އެސް.އެމް.އެސް ފޮނުވުމުގައި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިގޮތުން އެސް.އެމް.އެސް “ސެންޑް”ވުމުގައި ގިނަ އިރުތަކެއް ވަމުންދާކަމަށާއި، ބައެއް ފަހަރަށް އެސް.އެމް.އެސް ފޮނުވުމުން “ސެންޑިންގ ފެއިލްޑް” އަރާކަމަށް ޝަކުވާ ލިބެމުން ދިޔައެވެ.
މިމައްސަލަތައް މިހެން ހުރުމާއެކު، ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތިން އިންތިޚާބު ކެންސަލްކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ގޮސް މިއިންތިޚާބަށް ވަރަށް ފުރިހަމަ އެއްބާރުލުމެއްދީފައިވާކަން އެމްޑީޕީން ފާހަގަ ކުރަމެވެ. އަދި ވޯޓުލުން ކުރިއަށް ދިޔަ 3 ގަޑިއިރުގެ ތެރޭގައި 6000 އަށްވުރެ ގިނަ މެންބަރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން ވޯޓުލާފައިވާކަން ޕާޓީން ފާހަގަކުރަމެވެ.
ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް، ވޯޓުލުމުގެ މަސައްކަތަށް މި ޕާޓީން އިސްނަގާފައިވަނީ، މި ޕާޓީއަކީ ދެފުށްފެންނަ، މެންބަރުންނަށް ލުއި ފަސޭހަކޮށް ކަންތައްކޮށްދޭ އަދި ރާއްޖެއަށް ތަޢާރަފުވާ މިފަދަ އީޖާބީ ހުރިހާ ކަންކަމެއްގައި އެންމެ ފުންނާބު އުސް ރާއިދުންކަމަށްވާތީއެވެ. މިގޮތުން މިޕާޓީން އިސްނަގައިގެން އަލަށް ކުރި ކަންކަމުގެ ތެރޭގައި، އެންމެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ރިޔާސީ ޕްރައިމަރީއެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ޕާޓީއަކީވެސް މިޕާޓީއެވެ.
ކަންމިހެން އޮތުމާއެކު ކުރިއަށް އޮތް ތަނުގައިވެސް ޒަމާނީ ޓެކްނޮލޮޖީއާއި ޒަމާނީ ފިކުރުގެ އަލީގައި މި ޕާޓީ ކުރިއެރުވުމުގެ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެންބަރުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް