މެމްބަރުންގެ ޚިޔާލު: ސަބަބަކީ ދުނިޔޭގެ އާޖުފާޖާއި ވައްޓަފާޅިއަށް ދިވެހިން ލޯހުޅުވުމެވެ.

26 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

hep-nasheed

ޤައުމެއްގެ ވެރިކަން ބިނާވެފައި އޮންނާންވާނީ އަބަދުވެސް އެޤައުމެއްގެ ރައްޔިތުންގެ މަސްލަހަތާ ރައްކާތެރިކަމާ ކުރިއެރުމުގެ މައްޗަށެވެ. ދުނިޔޭގެ ވެރިކަމުގެ ނިޒާމަށް ބަލާއިރު އެކި ތަންތަނުގައި އެކިއިރު އެކިގޮތަށް މިނިޒާމް ބަދަލުވަމުން ދާކަން މިއީ އޮޅުމެއްނެތި ފެންނާންއޮތް ޙަޤީޤަތެކެވެ. ރަސްކަމާ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމްއާއި މަސްހުނި ނިޒާމްތަކާ މިފަދަ ކިތަންމެ ނިޒާމްތަކެއް ޕްރެކްޓިސް ކުރަމުން މިއަދާ ހަމަޔަށްވެސް މިގެންދަނީއެވެ. އެކަމަކު މިއިން އެއްވެސް ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެކޭ ބުނެވޭކަށް ނެތެވެ. އަދި ނޫނެކޭވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ އެގޮތެއް ނުވަތަ އެނިޒާމެއް ގަބޫލުކުރާ ބަޔަކު އެގޮތަށް އެއްބަސް ނުވާތީއެވެ. ވިމާ އެންމެ ރަނގަޅުގޮތަކީ އެހިނދަކު އެތަނެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަކަށް ޒަމާނާ ހާލަތާ އެއްގޮތްވާ ގޮތުގެ މަތީން ގެންނާންޖެހޭ ބަދަލުތައް ގެނައުމެވެ. މިނޫން ގޮތަކަށް މިކަން ކުރަން އުޅެފިނަމަ ދެންޖެހޭނީ ގަދަބާރުން ނުރުހޭ މީހުން ލަންބައިގެން ވެރިކަން ހިންގާށެވެ. މިޔަށްވެސް ކިޔާ ނަމެއް އެބައޮތެވެ. އެއީ ޚުދުމުޚުތާރު ވެރިކަމެވެ. މިޔަކީ މީހުން މިއަދަކު ޤަބޫލުކުރާނެ ނިޒާމެއް ނޫނެވެ. އެކަމަކު އެފަދަ ވެރިކަމެއްގެ ޝާންގައި ދެމި ތިބެފައި ވަކިވެގެންދާ ބަޔަކަށް މިގޮތަކީ އެންމެ ރަނގަޅުގޮތް ކަމުގައި ޤަބޫލު ކުރެވޭނެއެވެ.
މިއަދު ދުނިޔޭގެ ޤައުމުތައް މިމާނަކުރެވެނީ ކުރިޔާ ޚިލާފަށް ދުނިޔޭގެ އަވަށްތަކުގެ ގޮތުގައެވެ. އެއްޤައުމާ އަނެއްގައުމު މިވަނީ އެތައް ގޮތަކުން ގުޅިލާމެހިފައެވެ. އެއްބަޔަކާ ނުލައި އަނެއް ބަޔަކަށް އުޅެވޭކަށް ނެތެވެ. އެންމެ ބޮޑެތި ޤައުމުތަކުގެ އިޤްތިޞާދުވެސް މިވަނީ ކުދި ޤައުމުތަކަށް ބަރޯސާވާން ޖެހިފައެވެ. ހަމައެފަދައިން ކުދި ޤައުމުތައް މިވަނީ ބޮޑެތި ގައުމުތަކަށް މުހުތާދުވެފައެވެ. އެބަޔެއްގެ ގޮތުގައި އެބަޔަކު ހިފެހެއްޓުމުގެ ބަދަލުގައި އެހެން މީހުންބުނާ އެއްޗެއް އަޑުއަހަން މިއަދު އެބަޖެހެއެވެ. މިސާލެއްގެ ގޮތުން އޭޝިޔާގެ ނިއުކްލިއަރ ބާރެއްގެ ގޮތުގައި އަދި މީހުންގެ އަދަދުވެސް ގިނަ ޕާކިސްތާނު މިއަދު އެވަނީ ކުދިކުދި ގައުމުތަކުގެ އެހީއަށްވެސް ބޭނުންވެފައެވެ. މިފަދަ ކިތަންމެ މިސާލެއް މިޤަރުނުގެ ތެރޭގައިވެސް މިވަނީ ފެނިފައެވެ. ވަކި ދީނެއް ވަކި ކުލަޔެއްނެތި ދުނިޔޭގެ އެންމެންވެސް އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާ ވާން ޖެހޭކަން އެއްދުވަހުން އަނެއްދުވަހަށް މިދަނީ އެނގި ފާޅުވަމުންނެވެ.
އަޅުގަނޑުމެންގެ މިދިވެހި ރާއްޖެވެސް މިވަނީ މިއާސާސްކަފުގެ ޅަފަތުގައި ނުވަތަ އެކާވީސްވަނަ ގަރުނުގެ ފެށުމުގެ ތެރެއިން ގިނަބަދަލުތަކެއް ހިއްސާކުރަން ފަށާފައެވެ. ހިތްދަތި ޙާލުގައާއި އުފާވެރި ހާލުގައިވެސް މެއެވެ. އެދިގެންނާއި ނޭދިވެސް މެއެވެ. މިގޮތުން ބަލާއިރު މިފަހަކަށް އައިސް މިގައުމަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލެވެ. އެތައް ޒަމާނަކުއްސުރެ ވެރިކަން ކުރަމުން އައިގޮތަށް މިއަދު މިވަނީ ބަދަލު އައިސްފައެވެ. މިކަން މިގޮތަށް ބަދަލު ވެގެން މިދިޔައީ ދުނިޔެއަށް ރާއްޖޭގެ ރައްޔިތުން ލޯހުޅުވި ގާތްވުމުގެ ސަބަބުންނެވެ. އެހެން ތަންތަނުގައި ކަންކުރާގޮތް އެނގިފެނި އަދި މިތަނުގެ ކަންކަން ހިނގާގޮތް އެހެންމީހުނަށްވެސް އެނގުމުގެ ސަބަބުންނެވެ.
އެހެންކަމުން ދުނިޔޭގެ ޤައުމުތަކާ އެކު އަދުގެ ސަރުކާރުން ބަހައްޓާ ގާތްކަމާމެދު ހަސަދަވެރިވެ، އެ ގާތްކަން ދުރުކޮށް، އެގައުމުތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ އެހީތަކަށް ހުރަސްއަޅަން މަސައްކަތްކުރުމަކީ، އުމަރެއް ކަމުގައި ވިޔަސް ހަސަނެއް ކަމުގައި ވިޔަސް ކާސިމެއް ކަމުގައި ވިޔަސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.