އެމް.ޑީ.ޕީ ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުން

26 ޖޫން 2015 ވާ ހުކުރު ދުވަހަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގައި އުފެއްދި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައިވާ މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވުޖޫދުވިތާ 10 އަހަރުފުރޭ އުފާވެރި ދުވަހެވެ. މިވޭތިވެދިޔަ 10 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރެވިފައިހުރި ޢަދަދުނުކުރެވޭ ގިނަ މަސައްކަތްތަކާއި، ހޯދިފައިހުރި ފަޚުރުވެރި ކާމިޔާބީތައް ފާހަގަކުރާންވަނީ ނިންމާފައެވެ.

މިގޮތުން އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ޙަރަކާތެއްގެގޮތުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އެމްޑީޕީގެ މެންބަރުންނާއި، މިޕާޓީއަށް ހެޔޮއެދިވަޑައިންނަވާ އަދި ތާޢީދުކުރައްވާ އެންމެ ބޭފުޅުންނަށްމެ ޚާއްސަކޮށްގެން ބޭއްވޭ ތަރާވީޙެކެވެ. މިތަރާވީޙުގެ ސައިފޮދު އޮންނާނީ 25 ޖޫންވާ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައެވެ.
މިއާއެކު އަހަރީ ދުވަސްކަމުގައިވާ 26 ޖޫންގެ ހަވީރު މަޑިއެރުވުމުގެ ޙަރަކާތްތަކެއް އުސްފަސްގަނޑުގައި ކުރިއަށްގެންދެވޭނެއެވެ.

އެންމެ ޚާއްސަ ޙަރަކާތެއްގެގޮތުން އަހަރީ ދުވަހުގެ ރޭގަނޑު (ހުކުރު ދުވަހުގެ ރޭ) 10 އެއްޖަހާއިރު މާލޭ ހެދިގޮނޑުދޮށު ސަރަޙައްދުން ޕެރޭޑެއް ފެށޭނެއެވެ. އެޕެރޭޑުގައި އެމްޑީޕީގެ އެހާރާއި މިހާރުގެ ލީޑަރުން ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ބެރު، ދުންމާރިއާއި، ތާޅަފިލީގެ ފަރި އަޑުތަކުން މާލޭގެ މަގުތައް ގުގުމާލެވޭނެއެވެ. އަދި އަހަރީ ދުވަހުގެ ކޭކުފެޅުންވެސް އޮންނާނެމެއެވެ.

އަހަރީ ދުވަހުގެ ޚާއްސަ ޕެރޭޑަށް ތައްޔާރުވުމުގެ ގޮތުން ދިދައާއި، ޕޯސްޓަރު ހެދުމުގެ ޙަރަކާތްތައް 24 ޖޫންވާ ބުރާސްފަތި ދުވަހުގެ ހަވީރު 4 ޖަހާއިރު ފެށޭނެ ވާހަކަވެސް ދެންނެވީމެވެ.

އެހެންކަމުން އެމްޑީޕީއަށް 10 އަހަރު ފުރޭ މިތާރީޚީ މުނާސަބަތުގައި، ފަސޭހައިގައްޔާއި، އުނދަގުލުގައި އަދި މިނިވަންވެ ތިބެގެންނާއި، ހައްޔަރުގައި ތިބެގެންމެ، ދިވެހި ޤައުމާއި، ރައްޔިތުންގެ ޚިދުމަތުގައި މިޕާޓީއިން ކޮށްފައިހުރި އަދި ކުރަމުންދާ މަސައްކަތުގެ ހަނދާން އައުކުރުމުގެ އުފާ ލިބިގަތުމަށް އިހު ދެންނެވުނު ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މިޕާޓީގެ ލޮބުވެތި މެންބަރުންނާއި، ހެޔޮ އެދިވަޑައިގަންނަވާ އެންމެހައި ފަރާތްތަކަށްމެ އިޚްލާސްތެރި ދަޢުވަތެއް އަރުވަމެވެ.

24 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް