އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ރޭގައި ވަދެ ޕާރޓީ ގެ ނައިބު ރައިސް ހައްޔަރުކުރި ކުރުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ އަނިޔާވެރިކަމާ ދެކޮޅަށް ޤައުމީ ހަރަކާތުން ކުރަމުންދާ އިޙްތިޖާޖުގެތެރެއިން މާލޭގައި ހުންނަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ހަރުގޭގައި ރޭ ޖަލްސާ ކުރަމުން ދަނިކޮށް، ފުލުހުން ކުއްލިޔަކަށް ހަރުގެ ތެރެއަށް ވަދެގަނެ އެވަގުތު ހަރުގޭ ޕޯޑިއަމްގައި އެމް.ޑީ.ޕީ ގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވާހަކަފުޅުދައްކަވަން ހުންނަވަނިކޮށް އެމަނިކުފާނު ހައްޔަކޮށްގެން ގެންދިއަ މައްސަލަ މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ ހަރުގެ ހިންގަމުންދަނީ އަމިއްލަ ފަރާތެއްގެ ގޯތީގައި ހުންނަ އިމާރާތެއްގައިކަމަށްވާއިރު، އަދި ފުލުހުންނަކީ އެ ހަރުގޭގައި ކުރިޔަށްދިއަ ޖަލްސާއަށް ދައުވަތު ދެވިފައިވާ ފަރާތަކަށް ނުވާއިރު، އަމިއްލަ ފަރާތެއްގެ ގޯތީގައި ހުރި އެ ހަރުގެ ތެރެއަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް ނެތި، އަދި އެމް.ޑީ.ޕީ ގެ ނުވަތަ އެ ގޯތީގެ ވެރިފަރާތުގެ ހުއްދައަކާ ވެސް ނުލައެއެވެ. އަދި ހަމައެހެންމެ ޤާނޫނުން ލާޒިމުކުރާ ކޮން ބައެއްކަން ހާމަކޮށްދޭން ޖެހޭ ނޭމް ޓެގް އެތަނަށް ވަން ފުލުހުންގެ ޔުނިފޯމުގައި ހަރުކޮށްފައިނުވާކަން ވެސް ފާހަގަކުރަމެވެ. އެގޮތަށް ފުލުހުން ހަރުގެއަށް ވަދެގަނެ އެމް.ޑީ.ޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒުގެ ގައިކޮޅަށް އަތްލައި ހައްޔަރުކޮށްގެން ގަދަކަމުން ގެންގޮސްފައިވަނީ އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއްގެ ތުހުމަތެއް ކުރުމެއް ނެތި އެމަނިކުފާނު ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށްކަން ފާހަގަކުރަމެވެ.

ޤައުމީ ހަރަކާތުގެ ފަރާތުން މަގުމަތީގައި ހިންގާ ސުލްޙަވެރި ހަރަކާތްތަކުގެ ތެރެއަށް މީގެ ކުރިން ފުލުހުން ވަދެގަނެ ރައްޔިތުންނަށް އަނިޔާކޮށް އަދި ޤާނޫނާ ޚިލާފަށް އެއްވުންތައް ރޫޅާލަމުން ދިއުމަށްފަހު، މިހާރު އެކަން އެހެން ދަރަޖައަކަށް ގެންގޮސް، ހަރުގޭގައި ބާއްވާ ޖަލްސާތަކަށް ވެސް ފުލުހުން ޤާނޫނާ ޚިލާފަށް ހުރަސް އަޅަންފަށާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ފުލުހުން ރޭގައި ހިންގި އެ ޢަމަލަކީ ޤާނޫނާ ޚިލާފު ނާތަހުޒީބު ބޮޑު ޖަރީމާއެއްކަމާއި އަދި އެކަމުން ވެސް ހާމަވެގެންދަނީ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަންކަމާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަނުދޭނުދިނުމާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފާޅުގައި އަރައިގަންނަމުންދާ މިންވަރުކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެހެންކަމުން، މި މައްސަލަތައް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކުން އިޙްމާލުވުމެއް ނެތި ވަގުތުން ބަލައި ފިޔަވަޅުއެޅުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

23 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް