ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ބައިވެރިވުން ހިމެނޭގޮތަށް ރޭ ޤައުމީ ހަރަކާތުގެ ފަރާތުން ހަރުގޭގައި ބޭއްވުނު ޖަލްސާއަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޕާޓީތަކުގެ އިސްވެރިން ވަޑައިގެން ބައިވެރިވެލެއްވިއެވެ. ރޭގެ ޖަލްސާގައި ވަހަކަ ފުޅު ދައްކަވަމުން ގެންދަވަނިކޮށް އެމް.ޑީ.ޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސަބަބެއް ކަމުގައި ފުލުހުން ވިދާޅުވަނީ 12ގެ ފަހުން އަޑުގަދަކޮށް ޖަލްސާ ބޭއްވުމެވެ.
ފުލުހުން ބުނި ގޮތުގައި، ޝިފާޒު ހައްޔަރުކުރީ ދަންވަރު 12 ގެ ފަހުން އަޑުގަދަކުރާ ބޭނުން ކޮށްގެން ވާހަކަ ނުދެއްކުމަށް ފުލުހުން ކުރި އަމުރަށް އޭނާ ނުކިޔަމަންތެރިވުމުންނެވެ. ޝިފާޒު ހައްޔަރުކުރި ފަހުން ވެސް ހަރުގޭގައި ޖަލްސާ ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ޖަލްސާ ހުއްޓުވަން ފުލުހުނެއް ނުދެ އެވެ.
އިމްތިޔާޒު ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ނުހައްގު ދައުވާއެއްކޮށް، ބޭއިންސާފުން އެ މަނިކުފާނަށް ހުކުމްކޮށްފައި ވަނިކޮށް، އެ ޕާޓީގެ ނައިބު ރައީސް ހައްޔަރުކުރުމަކީ ސަރުކާރުގެ އަނިޔާވެރިކަމާއި ޚުދުމުޚުތާރުކަން ވަރަށް ބޮޑަށް ސިފަވެގެންދާ ކަމެއް ކަމެއް ކަމަށާއި ޕާޓީގެ އަމިއްލަ ހަރުގޭގައި ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް ހުއްޓުވޭނޭ އެއްވެސް ގޮތެއް ނޯންނާނޭ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވި އެވެ.
ރޭގެ ޖަލްސާ ނިންމާލިފަހުން އެމް.ޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ ފުލުހުން ދޫކޮށްލާފައެވެ.