ރައީސް ނަޝީދުގެ ޢާއިލާގެ ބޭފުޅުންނާ ޖަލުގަ ބައްދަލު ނުކުރެއްވޭނޭކަމަށް ސަރުކާރުން ކުއްލިގޮތަކަށް އެންގުމާގުޅިގެން އެކަން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޢާއިލާގެ ބޭފުޅުންނަށް އެމަނިކުފާނާ ޖަލުގައި ބައްދަލު ނުކުރެއްވޭނޭ ކަމަށް މިއަދު ކުއްލިގޮތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން އަންގާފައިވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، އެކަން އެންމެ ހަރުއަޑުން މި ޕާރޓީން ކުށްވެރިކުރަމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން މިއަދު ކުއްލިގޮތަށް މިގޮތަށް އަންގާފައިވަނީ އެއްވެސް ސަބަބެއް ބަޔާންކުރުމެއް ނެތި އަދި ފޯނުގެ ޒަރީއާއިންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ރައީސް ނަޝީދުގެ ޢާއިލާގެ ބޭފުޅުންގެ ތެރެއިން އެއްބަޑު އެއްބައްޕާފުޅު ބޭފުޅުންނާއި، އަދި ގާތް ތިމާގެފުޅު އެހެން ބޭފުޅުންނަށް ވެސް ރައީސް ނަޝީދާ ޖަލުގައި ބައްދަލު ނުކުރެއްވޭނޭކަމަށް އަންގާފައިވެއެވެ.

ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކާ އާއިލީގޮތުން އެފަދަ ގާތް ފަރާތްތަކަށް ބައްދަލުކުރުމުގެ ޙައްޤަކީ ރާއްޖޭގެ ޤާނޫނުތަކުންނާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް ނުޙައްޤު ދަޢުވާއެއްކޮށް، އިންސާފުން އެއްކިބާފައިވާ ޝަރީޢަތެއްކޮށް، 13 އަހަރަށް ޖަލަށްލުމަށްފަހުގައި ވެސް އެމަނިކުފާނާ މެދު ސަރުކާރުން ގެންދަނީ އެކި ސިފަ ސިފާގައި ތަކުރާރުކޮށް ޤާނޫނުތަކާ ޚިލާފަށް އަނިޔާވެރިވަމުންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެހެންކަމުން ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޢާއިލާގެ މެމްބަރުންގެ ޙައްޤުތައް ނިގުޅައިގަނެ، ސަރުކާރުން ވަމުންދާ އަނިޔާ ވަގުތުން ހުއްޓައިލުމަށާއި އަދި މިކަން ރާއްޖޭގެ ކަމާބެހޭ މުވައްސަސާތަކުން ވަގުތުން ބައްލަވައިދެއްވުމަށް އެމް.ޑީ.ޕީ އިން ގޮވައިލަމެވެ.

11 ޖޫން 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް