އިސްރަށްވެހިންނަށް ޚާއްޞަކުރައްވައިގެން އަލިމަސް ކާނިވަލްގައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދާދިފަހުން ބޭއްވެވި ޙަފުލާއެއްގައި ވާހަކަފުޅުދައްކަވަމުން އިސްރަށްވެހިންނަށް ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވާފައިވާތީ އެ ބޭފުޅުންގެ ކަންބޮޑުވުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އާ ޙިއްސާކުރައްވަމުން އެބަ ގެންދަވައެވެ.
ރައީސް ޢަބްދުﷲ ޔާމިން، އިސްރަށްވެހިންނާ އެރޭ ވާހަކަފުޅު ދައްކަވަމުން ވަރަށް ސާފު އިބާރާތުން ވަޢުދުވެޑައިގެންފައިވަނީ “142 މީހަކަށް މިއަހަރު ސަރުކާރުގެ ހިލޭ އެހީގައި” ހައްޖަށް ވަޑައިގަތުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނޭކަމަށެވެ. އަދި ސަރުކާރުން އެގޮތަށް ނިންމެވީ އުމުރުން ދުވަސްވީ ބޭފުޅުންގެ ތެރޭގައި ޙައްޖަށް ވަޑައިގަތުމުގެ ތަނަވަސްކަން ނެތް ބޭފުޅުން ތިއްބަވާނޭކަން ސަރުކާރަށް ޤަބޫލުފުޅުކުރެއްވޭތީކަމަށެވެ. އަދި އިގްތިސާދީ ޙާލަތަށް ބައްލަވާފައި މިއަދަދު ފަހުން އިތުރުކޮށްދެއްވާނޭކަމަށް ވެސް ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ސަރުކާރުގެ ތަރުޖަމާނު އޭގެ ފަހުން ހާމަކުރައްވާފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވި ބަސްފުޅުގެ މާނަ އިސްރަށްވެހިންނަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާކަމަށާއި، ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވި ބަސްފުޅުގެ މާނައަކީ 142 މީހަކަށް މިއަހަރު ޙައްޖުގެ ޖާގަ ކަށަވަރުކޮށްދެއްވާނޭކަމެވެ. އަދި އެއީ ސަރުކާރުގެ ހިލޭ އެހީގައި ޙައްޖަށް ފޮނުއްވާނޭވާހަކަ ނޫންކަމެވެ.
އިސްރަށްވެހިން އެއްކުރަށްވައި އެބޭފުޅުންގެ ކުރިފުޅުމަތީގައި ބަރަކާތްތެރި ޙައްޖުގެ އަޅުކަމާގުޅުވައިގެން ރައީސް ޢަބްދުﷲ ޔާމިން ބޮޑު އިތުރުފުޅެއް ޙައްދަވާފައިވާކަމީ އެމް.ޑީ.ޕީ އިން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި ރައީސް ޢަބްދުﷲ ޔާމިން އިސްރަށްވެހިންނަށް އެފަދަ ބޮޑު އިތުރުފުޅެއް ހެއްދެވުމާއެކުވެސް، އޮޅިވަޑައިގެންފައިވާ ބަޔަކީ އިސްރަށްވެހިންކަމަށް ވިދާޅުވުމަކީ ހަމަ އެހާމެ ކަންބޮޑުވާކަމެކެވެ.
އެހެންކަމުން އިސްރަށްވެހިންނަށް އިތުރުފުޅު ހައްދަވައި އަދި އެމޭރުމުން އެބޭފުޅުންގެ ޤަދަރާއި އިޙްތިރާމް ކުޑަނުކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް އިޚްލާޞްތެރިކަމާއެކު އެމް.ޑީ.ޕީ އިން އިލްތިމާސްކުރަމެވެ.
10 ޖޫން 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް