ޖޫން 12 ވަނަ ދުވަހުގެ އެއްވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ޤައުމީ ހަރަކާތުގެ ފަރާތުން ދަޢުވަތު އަރުވަން

ދިވެހިރާއްޖޭގެ އިދިކޮޅު މައި ސިޔާސީ ޕާޓީތަކުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ޤައުމީ ހަރަކާތުގެ ފަރާތުން ޖޫން 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިއީ ސުލްޙަވެރި ކަމާއެކު ކުރިއަށް ދާނެ ސިޔާސީ ހަރަކާތެއްކަމުގައިވެސް ދަންނަވަމެވެ.

މިވަގުތު ދިވެހިރައްޔިތުންގެ ދިރިއުޅުން މިވަނީ އިންތިހާޔަށް ނުރައްކާވެ، އަނިޔާވެރިކަމުން ފުރިގެންވާ ސީރިއަސް ހާލަތަކަށް އައިސްފައެވެ.

ސަރުކާރުން އެދަނީ އެއްފަރާތުން މަޝްވަރާއަށް ގޮވާލާފަ، އަނެއް ފަރާތުން އެމީހުންގެ ބާރުދައްކަމުން، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ދައުލަތުގެ ސިއްކަ ބޭނުންކޮށް ބިންތައް ނުގަވައިއިދުން ވިއްކާ، ތަން ފަސާދަ ކުރަމުންނެވެ. މިއަދު ޖަލަށް ނުލެވި ނުވަތަ ދަޢުވާ ނުކުރެވޭ ހަމަ އެންމެ އިދިކޮޅު ސިޔާސީ ލީޑަރެއް ދިވެހިރާއްޖެއަކު ނެތެވެ.

ޚުދުމުހުތާރު ވެރިކަން ދިވެރާއްޖެއަށް އަނބުރާ އަންނަކަމާމެދު މުޅި ދުނިޔެ މިއަދު މިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާޙަދާތަކާ ޚިލާފަށް ދައުލަތުން ޢަމަލުކުރަމުން ދާހިނދު އދ، އީޔޫ، ކޮމަންވެލްތު، އަދި ދިވެހިރާއްޖެއާ ގުޅުން ބަދަހި އެތައް ޤައުމަކުން މި ސަރުކާރަށް އަންގަމުން އަންނަނީ ޑިމޮކްރަސީގެ މަގު ޚިޔާރު ކުރުމަށެވެ.

މިއަދު ދިވެހިންނަށް ކުރިމަތިވެފައިމިވާ އަނިޔާވެރިކަމުން ސަލާމަތްވެވޭނީ ސަރުކާރުން ދޫދީގެން އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށް ސިޔާސީ ދަޢުވާތައް މިހާރުން މިހާރަށް ހުއްޓުމުންނެވެ. ބޮޑު ސިޔާސީ ތަޅާފޮޅުންގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވައްޓާލުމުގެ ބަދަލުގައި އިޚްލާސްތެރިކަމާއެކު މަޝްވަރާގެ މޭޒު އިޚްތިޔާރުކުރުމަށް ރައީސް ޔާމީނަށް ގޮވާލަމެވެ.

މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވަމުން މިއަންނަ ޚުދުމުހުތާރުވެރިކަން ހަމަ މަގަށް އެޅުވޭނީ ދިވެހިރައްޔިތުން ތިބީ މިއަނިޔާވެރިކަމަށް ޖާގަ ދިނުމަށް ތައްޔާރަށް ނޫންކަން ހާމަކޮށްދީގެންނެވެ. ދިވެހިރައްޔިތުން މިއަދު ފަހަތަށް ނުޖެހޭނެ ކަން ސަރުކާރަށް އަންގައިދީގެންނެވެ. މިކަންވާނީ މާލެ އަރާ އެކަން ކަށަވަރު ކޮށްގެންނެވެ.

8 ޖޫން 2015