އަނިޔަވެރިކަމާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ވަރުބަލި ކަމެއްނެތި ހަރަކާތްތެރިވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ހައްޔަރުކުރެވި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް އަދި ޖުމްހޫރީ ޕާޓީގެ ފޮރިން ރިލޭޝަންސް އެކްޒެކްޓިވް ސޮބާހް ރަޝީދުގެ މައްޗަށް ސަރުކާރުން ކުރައްވަމުން އެ ގެންދަވަނީ ސިޔާސީ ދައުވާއެއްކަމުގައި މިޕާޓީން ދެކެމެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް އަދި ސޮބާހް ރަޝީދުގެ މައްޗަށް ކުރެވޭ ޓެރަރިޒަމްގެ ދައުވާތަކަކީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ރައްޔިތުން އުފުލަމުންގެންދާ އަޑު މުޅިން ކަނޑުވަލުމުގެ ބޭނުމުގައި ކުރެވޭ ސިޔާސީ ދައުވާތަކެވެ. މިފަދަ ސިޔާސީ ދައުވާތަށް މި ޕާޓީއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.
ޝެއިޚް އިމްރާން، އަމީން އިބްރާހިމް އަދި ސޮބާހް ރަޝީދު ސަރުކާރުގެ އަނިޔަވެރިކަމާއި، ނާއިންސާފާއި ދެކޮޅަށް ކުރެވޭ ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ސާބިތުކަމާއެކު ދެމިހުންނަވާ ހީވާގި ބޭފުޅުންތަކެއްކަން މި ޕާޓީން ފާހަގަކުރަމެވެ. އަދި މި ސަރުކާރުގެ އަނިޔާވެރިކަމުގެ ތެރެއިން މިބޭފުޅުންނަށް ބިރުދައްކައި ޖަލަށްލި ކަމުގައި ވީނަމަވެސް މި ބޭފުޅުންނަކީ ޤާނޫނު އަސާސީއާއި ޤާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނޭ ބޭފުޅުންނެއް ނޫންކަމުގައި މި ޕާޓީން ދެކެމެވެ.
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުން ސިޔާސީ ވާދަވެރި ފަރާތްތަކަށް އަނިޔާވެރިވެ ބިރުދެއްކުމުގެ ގޮތުން ހިންގަމުންގެންދާ އެފަދަ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލުތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކަށް މި ޕާޓީއިން ގޮވައިލުމާއިއެކު ސަރުކާރުން ރާއްޖޭގެ އިދިކޮޅު ސިޔަސީ ފަރަތްތަކާއި ދެކޮޅަށް ކުރެވެމުންދާ މިފަދަ ސިޔާސީ ދައުވާތައް ކުރުން ހުއްޓާލުމަށާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް މި ޕާޓީން ގޮވަލަމެވެ.
1 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް