25 ސެޕްޓެމްބަރ 2010
24 ސެޕްޓެމްބަރު 2010 ވީ ހުކުރު ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބު ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ކެންސަލްކުރުމަށްފަހު މިއަންނަ ހުކުރު ދުވަހު އެއިންތިޚާބު އަލުން ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެސްއެމްއެސް މެދުވެރިކޮށް އިއްޔެ މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދިޔަ އިންތިޚާބު ކެންސަލްކުރީ އެސްއެމްއެސް ފޮނުވަމުން ގެންދިޔަ ޔޫކޭގެ ނަންބަރަށް އެސްއެމްއެސްތައް ޑެލިވަރ ވުމުގައި މައްސަލަތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.
މިއަންނަ ހުކުރު ދުވަހު މެންދުރުފަހު 2.30 ން ފެށިގެން ރޭގަނޑު 7.30 އަށް ބާއްވާ މިއިންތިޚާބުގެ ވޯޓުލުން ހަމަޖެހިފައިވަނީ ރާއްޖޭގައި ބާއްވާ އެހެނިހެން އިންތިޚާބުތަކެކޭވެސް އެއްފަދައިން ވޯޓުކަރުދާހުގައެވެ. ނަމަވެސް އެމީހަކު ރަށްވެހިވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި އުޅޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް އެފަރާތްތަކުގެ ނަންބަރުތައް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި ވެސް އެސްއެމްއެސް މެދުވެރިކޮށް ވޯޓުލެވޭނޭ ކަމަށް އެމްޑީޕީ އޮފީހުން ބުނެއެވެ.