ވިއްސާރަ މޫސުމުގައި ބައެއް ރަށްރަށުގައި ފެންބޮޑުވަމުންދާތީ، އަންނަ އަހަރުގެ ބަޖެޓްގައި އެރަށްރަށް ފާހަގަކުރައްވައިގެން، އެރަށްރަށަށް ޙައްލެއް ހޯއްދެވުމަށް، މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

24 ސެޕްޓެމްބަރ 2010

hep-150-x-224

ވިއްސާރަ މޫސުމުގައި، ބައެއް ރަށްރަށުގައި ފެންބޮޑުވަމުންދާތީ، އަންނަ އަހަރުގެ ބަޖެޓްގައި، އެރަށްރަށް ފާހަގަކުރައްވައިގެން، އެރަށްރަށަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ ހަފްތާގައި ރާއްޖޭގެ އެކިހިސާބުތަކަށް ކުރި ވިއްސާރައިގައި، ޚާއްޞަކޮށް، އައްޑުއަތޮޅަށާއި ތިނަދުއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ވަރަށްގިނަ ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިގު މުއްދަތަށް ރާވައިގެން، ފޭދުއާއި ތިނަދޫގައިވެސް ފެން ހިންދުމުގެ ނިޒާމާއި، ޑްރެނޭޖް ސިސްޓަމެއް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމް ނުކުރެވިއްޖެނަމަ، ކޮންމެ ވިއްސާރަ މޫސުމެއްގައި މިމައްސަލަ ކުރިމަތިވާނެ ކަމަށާއި، އަމާޒަކީ، މިފަދަ ރަށްރަށް ފާހަގަކުރައްވައިގެން، މިކަންކަމަށް ދާއިމީ ޙައްލެއް ހޯއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ފެންބޮޑުވުމުން މެދުވެރިވެފައިވާ ތަކުލީފުތައް ލުއިކޮށްދެއްވުމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ސަދަން ޔުޓިލިޓީޒާއި، އަދި ވަކިން ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް.އިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ވަރަށް ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސްއާ ގުޅިގެން ކުރައްވަންޖެހޭ ކަންކަމުގައި، ސަރުކާރާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރެއްވުމަށްޓަކައި، ސަރުކާރުގެ ބައެއް ބޭފުޅުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނޭ ކޮމިޓީއެއް އުފެދި، މަސައްކަތްތައް މިހާރު ފެށިފައިވާތީ، އެކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު ބައްލަވާލެއްވިއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ އިޢާދަ ކުރުމުގެ ކަންތައް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކުރައްވާ ކަމަށާއި، 7 ބިލިއަނަށް އާމްދަނީ އެރީމާ، މުސާރަ ބޮޑުވާނެ ކަމަށް މާލީ ވަޒީރު ފާހަގަކުރައްވަމުން ގެންދަވާތީ، މިއަހަރުގެ ތެރޭގައި، އެކަން އެގޮތަށް ހިނގާފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.