އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދުގެ އިތުރުން މަޝްވަރާތަކުގައި ބައިވެރިވާނީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙްއެވެ.
ސަރުކާރުން އެދިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ މިހާރު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހަައްލެއް ލިބޭނީ ހުރިހައި ސިޔާސީ ޕާޓީތަކެއް އެއް މޭޒެއްގެ ދޮށަށް ގެނެސްގެން ކަމަށެވެ. އެހެން ކަމުން ސަރުކާރާއެކު ސިޔާސީ ޕާޓީތަކުން ކުރާ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާން ބޭނުން ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާއެކުގައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އެމްޑީޕީން ސޯލްޓް ރެސްޓޯރަންޓުގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ މަޝްވަރާ އަށް ތާއީދުކުރައްވައިފަ އެވެ. އެކަމަކު މަޝްވަރާގެ އެޖެންޑާގެ ކުރީގައި، ނަޝީދާއި އަލީ ވަހީދު އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން ދޫކޮށްލުން ހިމަނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.