24 ސެޕްޓެމްބަރ 2010
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލު އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
ގައުމީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ހަސަން އާދިލު ބުރާސްފަތި ދުވަހުގެރޭ އިރުއޮއްސި 6.30 ގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ފަރާތެއްގެ ނޫފުޒެއް އޮވެގެން އެޅުއްވި ފިޔަވަޅެއް ނޫން ކަމަށާއި، މިކަމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރެއްވި ކަމެއް ކަމަށެވެ.
އާދިލު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރައްވަމުންގެންދަވާކަން ޤަބޫލުކުރައްވާ ކަމަށާއި، އޭނާ އެމްޑީޕީއަށް ސޮއިކުރީ މަރަދޫ ދާއިރާގެ ތަރައްގީއަށްޓަކައި، އެދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން ސަރުކާރާ އެއްބާރުލެއްވުމުގެ ގޮތުން ކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވަނީ އާދިލްގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮދު ކާމިޔާބީއެއް ކަމަށް ވެސް ޝާހް ވިދާޅުވިއެވެ.
އާދިލް އެމްޑީޕީ އަށް ސޮއިކުރެއްވުމާ އެކު މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަދަދު 32 އަށް އެރީއެވެ. ދާދި ފަހުން ގައްދޫ ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން އެދާއިރާގެ މެންބަރު ޒާހިރު އާދަމް ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ. އަދި ކުރިންވެސް އެމްޑީޕީއަށް އެއްބާރުލެއްވުން ދެއްވަމުންގެންދެވި ޒާހިރު އާދަމް އެމްޑީޕީއާ ގުޅިވަޑައިގަތުމާއެކު، ގައްދޫގެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ އެމްޑީޕީއާ ގުޅެމުންނެވެ.