އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާ ރޭވެސް ގިނަ ބަޔަކު ނަލަހިޔާ ކައިރިން ހައްޔަރުކޮށްފި

11229768_927290580671324_6734794643742805454_n

އަނިޔާވެރިކަމާއި ދެކޮޅަށް ރޭ 9:30 ގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވަން އުޅުނު ޞުލްޙަވެރި އެއްވުމަށް ވަނީ ފުލުހުން ހުރަސްއަޅާފައެވެ. ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން ހޯމަ ދުވަހުގެ ރޭގައި އެއްވުމުގެ ނޯޓިސްވަނީ ދުރާލާ ފުލުހުންނަށް ދެވިފައެވެ. ނަމަވެސް، ފުލުހުން އޭގެ ރައްދުގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަން ދިނުމުގެ ފުރުޞަތު ރޭ ގައި ދެވެންނެތްކަމަށެވެ. އަދި އެއްވުން އޮތް ތަނުގައި (ނަލަހިޔާ ކަންމަތި) ޞުލްޙަވެރިކަމާއެކު ތިބި ރައްޔިތުން އެތަނުގައި ނުތިބެވޭނެކަމަށް ބުނެ ފުލުހުންވަނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ޤާނޫނު ނަންބަރު 2013/1 އާ ޚިލާފަށް ހުރަސްއަޅާ އެތަނުގައި ތިބި ރައްޔިތުންގެ ތެރެއިން ބަޔަކު އެ ސަރަހައްދުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ކަހަލަ ގޮތަކަށް ސުލްހަވެރި އެއްވުމުގެ ތެރެއަށް ވަދެ ރައްޔިތުންގެ ގިނަ ބަޔަކު ހައްޔަރު ކުރަމުންދާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންސާނީ ޙައްޤު ތަކާއި ބެހޭ ކޮމިޝަން އަށް މި މައްސަލަ ބަލާދިނުމަށް މިއަދު ވަނީ ސިޓީއެއް ފޮނުވާފައެވެ.