ގުޅިފައިވާ އިއްތިހާދުގެ އިސްވެރިންނާއި ހުރިހާ ސިޔާސީ ހައްޔަރީން ދޫ ކޮށްލުމަށް އެމް.ޑީ.ޕީ އާއި އަދާލަތު ޕާޓީއިން ގޮވާލައިފި

ބައިނަލް އަޤްވާމީ މަސައްކަތްތެރިނގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަނިޔާވެރިކަން ނިންމަން އެމް.ޑީ.ޕީ އާއި އަދާލަތު ޕާޓީ އިސްކޮށް އޮވެ މިދިޔަ މޭ 1 ވަނަ ދުވަހު ކުރެވުނު ސުލްހަވެރި މުޒާހަރާގެ ތެރެޔަށް ފުލުހުން ވަދެ ނުހަނު ބޮޑަށް ބާރުގެ ބޭނުންކޮށް އެމް.ޑީޕީގެ ޗެއާރޕާރސަން އަލީ ވަހީދު، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފައެވެ.
ދިވެހި ތާރީހުގައިވެސް މުޒާހަރާ އަކަށް ނުނިކުންނަހާ ވަރަށް މޭ 1 ގައި މާލޭގެ މަގުތަކަށް ރައްޔިތުން ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ނިކުމެ ކުރި މުޒާހަރާގައި އެތަކެއް ކައުންސިލަރުންނާއި އާންމު ރައްޔިތުންވެސް ވަނީ ހައްޔަރުކޮށްފައެވެ. މިއަދު ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ހައްޔަރު ކުރެވުނު އެންމެހާ ރައްޔިތުންނާއި ސިޔާސީ އިނދިކޮޅު އިސްވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ.