އަޙްމަދު ޢީސާއަށާއި އިތުރު އެތަށް ބަޔަކަށް ފުލުހުން އަނިޔާކުރި މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މޭ ޑޭ ގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ އަޙްމަދު ޢީސާއަށް ފުލުހުން އަނިޔާކޮށް އަދި ބޭސް ފަރުވާ ފޯރުކޮށްދެމުން ނުދާތީއާއި އަދި ފުލުހުން ޙައްޔަރުކުރި އެތައް ބަޔަކަށް އަނިޔާކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ފުލުހުން އަޙްމަދު ޢީސާ ޙައްޔަރުކޮށް ވެހިކަލަށް އެރުވިފަހުން އެމަނިކުފާނުގެ ބުރަކަށީގެ މައި ބަދާގައި ބޫޓުން ކޮޅުފައިން ޖަހައި އަދި ބޮލުގައި މުގުރުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އަދި އެމަނިކުފާނާމެދު ފުލުހުން ވަރަށް ބޮޑަށް ޒާތީވެ، ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް އިތުރަށް އަނިޔާކުރާނޭކަމުގެ އިންޒާރުދީ ހަދައިފައިވެއެވެ. އެގޮތުން ބަންދު މުއްދަތާމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓުގެ އިމާރާތުގެ ތެރޭގައި ބައިންދާފައި އިން ވަގުތުގައި ވެސް، އެމަނިކުފާނު ޖަލަށް ގެންދިއުމަށްފަހު އިތުރަށް އަނިޔާކުރާނޭކަމުގެ އިންޒާރުދީ ހަދައިފައިވެއެވެ. އަޙްމަދު ޢީސާއަށް ފުލުހުން ކުރި އަނިޔާއަށް ޖަލު މީހުން ބަލާ ޑޮކްޓަރަށް ދެއްކިކަމުގައި ވީނަމަވެސް އެމަނިކުފާނު އެލާރޖިކްވާ މައްސަލަތައް ޑޮކްޓަރަށް ނޭގޭތީ، އަނިޔާއަށް ބޭސްނުދިނުމުގެ ސަބަބުން ފަރުވާ ލިބިވަޑައިގެންފައި ނުވެއެވެ. އަދި އެމަނިކުފާނު މާލެ ގެނެސް ފަރުވާކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައި ވީނަމަވެސް މިހާތަނަށް ވެސް ފަރުވާކޮށްދީފައި ނުވެއެވެ. ހަމައެފަދައިން އެމަނިކުފާނު ހައްޔަރުކޮށްފައިވާ ޖަލު ގޮޅީގައި ވެސް އެއްވެސް ފަންކާއެއް ނުހުންނައިރު، އިންތިހާއަށް ހޫނުކަމުގައާއި، މަދިރީގެ ތެރޭގައި އަވަހާރަލައްޕަވާ ގަޑިތަކުގައި ފުލުހުން އިރު އިރުކޮޅަށް ގޮޅީގެ ތޭރިތަކުގައި ތަޅައިގަނެ ދުއްތުރާކޮށް އެމަނިކުފާނު އަވަހާރަލެއްޕެވުމުން މަޙްރޫމުކުރަމުން ދާކަންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މޭ ޑޭ ގެ ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ގިނަ ބަޔަކަށް އެމީހުން ހައްޔަރުކުރުމަށް ފަހުގައި ވެސް ފުލުހުން އަނިޔާކޮށް، ވަރަށް ބޮޑަށް ޒާތީވެ، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އަދި ނާއިންސާފުން ކޯޓުން 15 ދުވަހަށް ބަންދު މުއްދަތު އިތުރުކޮށް ޖަލުގައި ހައްޔަރުކޮށްފައިވާއިރު، އިންސާނުން ހައްޔަރުކޮށްފައި ބައިތިއްބަން ނުވާވަރުގެ ހޫނުގައާއި މަދިރީގެ އުނދަގުލުގައި، އަދި 25 ވަރަކަށް މީހުން އެއް ގޮޅީގައި ހައްޔަރުކޮށްފައި ބައިތިއްބާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން މި މައްސަލަ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވަގުތުން ބައްލަވައިދެއްވުމަށް އެމް.ޑީ.ޕީ އިން އެ ކޮމިޝަނަށް ގޮވައިލަމެވެ.

4 މެއި 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް