ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ 2013 ވަނަ އަހަރުގެ ރަނިން މޭޓް ޑޮކްޓަރ މުސްތަފާ ލުތުފީއާއި ޖުމްހޫރީ ޕާރޓީގެ ފޮރިން އެންޑް ޕަބްލިކް އެފެއާރޒް އެގްޒެކެޓިވް ސޮބާޙް ރަޝީދު ރޭގައި އޮތް ސުލްޙަވެރި އިޙްތިޖާޖުގެ ތެރެއިން ފުލުހުން ޙައްޔަރުކޮށްފައިވާތީ، ފުލުހުންގެ އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކޮށް، އެދެބޭފުޅުން ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ގޮވައިލަމެވެ.
ޑޮކްޓަރ މުސްތަފާ ލުތުފީ އާއި ސޮބާޙް ރަޝީދު ޙައްޔަރުކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ އަނިޔާވެރި ސަރުކާރާ ދެކޮޅަށް ރައްޔިތުން ރޭގައި ކުރަމުން ގެންދިއަ ސުލްޙަވެރި އިޙްތިޖާޖަށް ޤާނޫނު އަސާސީއާއި އަދި ޤާނޫނުތަކާ ޚިލާފަށް ފުލުހުން ހުރަސްއަޅައި، އިޙްތިޖާޖުގައި ބައިވެރިވި މީހުންނަށް ބިރުދެއްކުމުގެ ތެރެއިންކަން ފާހަގަކުރަމެވެ.
ޑޮކްޓަރ މުސްތަފާ ލުތުފީއަކީ އެމް.ޑީ.ޕީ ގެ މެމްބަރުންނާއި އަދި ރައްޔިތުންގެ އިޙްތިރާމާއި ޤަދަރު ނުހަނު ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އެމް.ޑީ.ޕީ ގެ އެތެރޭގެ މަސައްކަތުގައި އާދަޔާ ޚިލާފު ހީވާގިކަމަކާއި މުރާލިކަމެއް އަބަދުވެސް ދައްކަވަމުން ގެންދެވުމުގެ އިތުރުން މަގުމަތީގައި ހިންގޭ ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ވެސް ސާބިތުކަމާއެކު ދެމިހުންނަވާ ނަމޫނާ ޝަޙްސިއްޔަތެއްކަން މި ޕާރޓީން ފާހަގަކުރަމެވެ. އަދި މި ސަރުކާރުގެ އަނިޔާވެރިކަމުގެ ތެރެއިން އެމަނިކުފާނަށް ބިރުދައްކައި ޖަލަށްލި ކަމުގައި ވީނަމަވެސް އެމަނިކުފާނަކީ ޙައްޤުތަކުގެ ދިފާޢުގައާއި ޤާނޫނު އަސާސީގެ ދިފާޢުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނޭ ބޭފުޅެއް ނޫންކަމުގައި ދަންނަވަމެވެ.
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުން ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވެ ބިރުދެއްކުމުގެ ގޮތުން ހިންގަމުންގެންދާ އެފަދަ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލުތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މިނިވަން މުވައްސަސާތަކަށް އެމް.ޑީ.ޕީ އިން ގޮވައިލަމެވެ.
4 މެއި 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް