މެންބަރުންގެ ޚިޔާލު: ޑީއާރުޕީ ފުނޑޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ !!!!

22 ސެޕްޓެމްބަރ 2010

ލިޔުނީ: ފުނަމާ

drp

ކޮންމެ ބަޔަކަށްވެސް އެބަޔަކު ކުރާ ކޮންމެ ކަމެއް އަބަދުވެސް އެންމެ ރަނގަޅުކަމުގައި ދުށުމަކީ އިންސާނީ ތަބީޢަތެކެވެ. މީގެ ސަބަބުން އަނެކުންގެ އިހުސާސްތަކާ ޚިޔާލުތައް ވަރަށްގިނަފަހަރަށް އިހްމާލު ކޮށްލެވިފައިވެއެވެ. އަދި ތިމާގެ ކުށްދައްކާނެ ބަޔަކު ނުވަތަ މީހަކު ނެތްނަމަ އަބަދުވެސް ތިމާޔަށް ކަންކުރެވެނީ އެންމެ ރަނގަޅުގޮތަށް ކަމަށް ހީވެކުރެވޭ ކަންކަމުގެ ސަބަބުން ޚުދުތިމާ އަށްވެސް ގެއްލުންވާ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ.
ކުރީގެ ވެރިކަމުގެ އާޖުފާޖާއި ވައްޓަފާޅި މިއަދު މިޤައުމަކަށް ކަމަކު ނުދެއެވެ. ގިނަބަޔަކަށެވެ. މަދުބަޔަކަށް އެގޮތް ރަނގަޅު ވިޔަކަސް މިއަދަކު އެކަންދެން ބަދަލުކޮށްލާކަށް ފަސޭހައެއް ނުވާނެއެވެ. މިއަދުޖެހޭނީ މިނޫން ހާލަތެއް މެދުވެރި ވަންދެން މިގޮތުގައި ކުރިޔަށް ދާށެވެ. ރަނގަޅު ކުރާން ހުރި އެތައްބައިވަރު ކަންތައްތަކެއް ދޫކޮށްލާންޖެހޭ އެތައް އާދައެއް މިގައުމުގެ ކަށީގައި ހިފާފައިވިނަމަވެހެވެ. އެހެން ކަމުން މިއަދު މިޤައުމު ހިންގަން ތިބި ބަޔެއްގެ މައްޗަށް ލާޒިމް ކުރަނީ މިގެނެވުނު ބަދަލު އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުން ބަލައި ގަންނާނޭ ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ދިގުނުދަންމައި ހެޔޮބަދަލުތަކުގެ ލާބައިގެ ރަހަ ރައްޔިތުންނަށް ލިއްބައި ދިނުމެވެ.
މިކަން މިގޮތުގައި ކުރުމަށް އެންމެ ބޭނުން ބޮޑުއެކައްޗަކީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްކަން ކަށަވަރެވެ. އެފަދަ ޕާޓީއެއްގެ ސަބަބުން ރައްޔިތުންގެ ހެޔޮނުބައި އަޑުތައް އަބަދުވެސް ވެރިކަމުގައި ތިބޭ ބަޔަކަށް އިވެމުން ދާނެއެވެ. ކަންކަން އިސްލާހުކުރުމަށް އޭގެ ސަބަބުން ހަލުއިކަން ލިބިގެން ދާނެއެވެ. އަބަދުވެސް މިފަދަ ޕާޓީއަކުން ރައްޔިތުންގެ މުހުތާދުތަކަކީ ކޮބައިކަން ސަރުކާރަށް އަންގައިދޭނެއެވެ. ރަނގަޅު މަޝްވަރާތައް ކުރެވި ކަންކަން ފަހިކުރުމަށް ސަރުކާރަށް އެހީތެރިކަން ލިބިދޭނެއެވެ. ރައްޔިތުންގެ އިހްސާސްތައް ހުރިހާ ގޮތަކުން ހޯދައިގަނެ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސްގަތުމުގެ ވިސްނުން ގެންގުޅޭ ނަމަ މިފަދަ ބަޔެއްގެ އަގު ރައްޔިތުން ވަޒަން ކުރާނެއެވެ.
ނަމަވެސް މިޔާ ޚިލާފަށް އިދިކޮޅު ސިޔާސީ ޕާޓީތަކަކީ އަބަދުވެސް ޕާޓީގެ މަސްލަޙަތު އިސްކޮށް ވެރިކަމުގައި ތިބިބަޔަކު އެކަމުން ލުއްސާލަން އަޑުގަދަކޮށް ގަދަފައި ވިއްދާ ބަޔެއްކަމުގައި ވާނަމަ އެކަން މުޅިޔަކުން ރައްޔިތުން ބަލައެއް ނުގަންނާނެއެވެ. އެކަން ބޮޑުވެ މިއަދު މިފެންނަގޮތަށް ހައްދުފަހަނަޅައި ދިއުމުން އެފަދަ ކަންކަމަށް ރައްޔިތުން ހާސްވެ ކަންބޮޑުވާނެއެވެ. ކުރަމުންއަންނަ އިތުބާރެއް ނެތިހިނގައި ދާނެއެވެ. މިއަދު ރާއްޖޭގެ މަސްރަޚުން މިފެންނަނީ އެފަދަ މަންޒަރުތަކެވެ.
ތިރީސްހާހުގައި ލީޑުހޯދައިގެންއޮތް ޕާޓީގެ ފަހަތުން އަރައި މިއަދު ވެރިކަން ކުރާ ޕާޓީ މިދަނީ ކުރިހޯދަމުންނެވެ. ހަލުވި ކަމާއެކުގައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބައިވަރު ސަބަބުތައް ހުންނާނެއެވެ. ކުރީން ތިމާމެން ތާއީދު ކުރިބަޔަކު ސަރުކާރު ހިންގާން ތިބިތީވެ އެސަރުކާރު ވެއްޓިގެން ދިޔަނުދީވޭތޯ އިޚްލާސްތެރި ކަމާއެކު މަސައްކަތްކުރި ކިތަންމެ ބަޔަކު މިއަދު މިސަރުކާރާ ދިމާލަށް އެނބުރި ހަމަ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާތަން މިދަނީ ފެންނަމުންނެވެ. ސަބަބުތަކެއް ނެތިއެއް ނުނެވެ. “ފޫނެތްފަޔަށް ފެންފުރާން” ބޭނުން ނުވާ މީހުންވެސް އުޅޭނެއެވެ. އަދި ތިމާމެންގެ ކުރިމަގު އެހެންގޮތަކަށް ބައްޓަން ކުރާން ބޭނުންވެ މިބަދަލު ގެންނަމީހުންވެސް އުޅޭނެއެވެ. އަދި މާބޮޑު ވިސްނުމެއް ނެތި އަބަދުވެސް ސަރުކާރަށް ވަފާތެރިކަމާއެކު ޚިދުމަތްކުރާ ހިތްވާ ފަރާތްތައްވެސް އުޅޭނެއެވެ.
ވެރިކަމަށް ކުފޫ ހަމަނުވާ އަދި އެކަމަށް ލާއިގުނޫން ، ރައްޔިތުން އެއްގޮތަކަށްވެސް ބަލައި ނުގަންނާނެ ބައެއްމީހުން ތިމަންނާމެންގެ ހިޔަނިވެސް މިހުންނަށް ފެންނާނީ ޑީއާރުޕީގެ ލޯގަނޑުން ބެލީމައި ކަމުގައި ހީވެ އަމިއްލަ ޕާޓީވެސް ކަނޑުލައިފައި ނުކުމެ ތިމާވަރެއް ނެތްކަމުގައި ދައްކާން އުޅުމުގެ ސަބަބުން ޑީއާރުޕީ އެދަނީ ރޫޅެމުންނެވެ. އިޚްލާސްތެރި އެތައް ބަޔަކު ޕާޓިމަތީން ފޫހިވެ މޫނުއަނބުރާލާއިރު އިލްމުވެރި ފަންތީގެ މީހުން އެތިބީ ހައްޕުނޑަށްވުރެވެސް ދަށްކޮށް ފޭލިކޮށްލާފައެވެ. ޑީއާރުޕީގެ ކޮންގްރެސް ނިމިގެންދިޔައީ ޕީއެޗްޑީއަކީ އެޕާޓީގެ އިސްސަފަށް ބޭނުން އެއްޗެއް ނޫނޭ ބުނަމުންނެވެ. އަދި ހަމަ އެހެންމެ މެންބަރުންގެ އަދަދުން ނޭވާ ހޮޅިޔަށް އެޅިފައިވާ ބައެއް ޕާޓީތަކުގެ ވެރީން ޑީއާރުޕީއަކީ ތިމާގެ އާއިލީ ތަރިކައެއް ކަމުގައި ހީކޮށް އެގެންދަނީ ޑީއާރުޕީގެ ވެރީން އެމަޤާމުތަކުން ދުރުކޮށް އެކަހެރި ކޮށްލުމަށް ތާއަބަދު މަސައްކަތް ކުރަމުންނެވެ. އެމީހުންނާއި ބައިވެރިވާނެ އެހެން ބަޔަކު ނެތުމުން ގަދަފައި ވިއްދައިގެން ކަތުރު ފަންޏެއްހެން ޑީއާރުޕީ ކައި ހުސްކުރަމުން އެގެން ދަނީއެވެ. މިކަމާމެދު އެންމެ ބޮޑަށް ވިސްނައި ސާބިތުކަމާއެކު މަސައްކަތް ކޮށްދޭން މިއަދު ތިބި ބަޔަކީ މިޕާޓީގެ ލޮބުވެތި މެންބަރުންނެވެ. ޑީއާރުޕީ ރޫޅި ބައިބައި ވެއްޖެނަމަ އެގެއްލިގެން ދަނީ މިގައުމުގެ އެތަކެއް ހާސްބަޔެއްގެ އުންމީދުތައްކަން އަޅުގަނޑުމެން ވިސްނައި ހަމްދަރުދީވެ ރަނގަޅު ވަގުތުގައި އެހީތެރިވެދޭން އެބަޖެހެއެވެ. ސިޔާސީގޮތުން އަޅުގަނޑުމެންގެ ވާދަވެރީންގެ ގޮތުގައި ޑީއާރުޕީ ބާއްވައިގެން ކުރިޔަށް ދާން މަޖްބޫރުވެއެވެ. ސަބަބަކީ އަދި ޑީއާރުޕީއާއި ވާދަކޮށް ބޮޑު އިދިކޮޅު ޕާޓީގެ ނަން ހޯދޭނެ އެހެން ޕާޓީއެއް ފެންނަން ނެތުމެވެ. އަދި އެޕާޓީގެ ގިނަ މެންބަރުންނަކީ އަޅުގަނޑުމެން އެމްޑީޕީގެ ގިނަ މެންބަރުންނެކޭ އެއްވަރަށް ޤައުމުގެ ހެވާއި ލާބަޔަށް ނުވިސްނިކަމުގައި ވިޔަސް، ޤައުމާމެދު ވިސްނަވާ މެންބަރުން ޑީއާރުޕީގައި މަދުން ނަމަވެސް ތިބިކަން ޤަބޫލުކުރަންކޖެހެއެވެ. އެހެން ކަމުން ކޮންމެ ވެރިކަމެއް އޮތް ނަމަވެސް އެވެރިކަން ހަމަމަގަށް އަޅުވައި ދެމެހެއްޓުމުގެ ބާރު އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކަށްވުރެ ބޮޑަށް ޑީއާރުޕީއަށް ލިބިގެން ވާތީ ޑީއާރުޕީ ފުނޑޭކަށް އަޅުގަނޑުމެން ބޭނުމެއް ނޫނެވެ.