ޢަލީ ވަޙީދާއި، އިމްރާން ޢަބްދުﷲ އާއި، އަމީން އިބްރާހީމާއި އިތުރު 200 އެއްހާ މީހުން ޙައްޔަރުކުރި ކުރުން ކުށްވެރިކުރުން

ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އިއްޔެ ބޭއްވި މޭ ޑޭ ގެ ބޮޑު ހިނގާލުމާ ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާރސް ޢަލީ ވަޙީދާއި، އަދާލަތު ޕާރޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި، ޖުމްހޫރީ ޕާރޓީ ގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމާއި، އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އަދި އިތުރު 200 ވަރަކަށް ރައްޔިތުން ހައްޔަރުކޮށްފައިވާތީ، ސަރުކާރުގެ މި އަނިޔާވެރިކަން އެމް.ޑީ.ޕީ އިން އެންމެ ހަރުއަޑުން ކުށްވެރިކޮށް، އެ އެންމެހައި ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވައިލަމެވެ.

މިރާއްޖޭގެ ސިޔާސީ ލީޑަރުންގެ މައްޗަށް އިންސާފުން އެއްކިބާވެފައިވާ ޝަރީޢަތްތައްކޮށް ދިގު މުއްދަތަކަށް ޖަލަށްލައި، ޤާނޫނު އަސާސީއާ ޚިލާފު އެތައް ޢަމަލުތަކެއް ހިންގައި، ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ހުރަސް އަޅައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އަމުރުތައްކޮށް، ބިރުދައްކައި، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ރައްޔިތުންނަށް އަނިޔާވެރިވުމަށް މި ސަރުކާރުން އިންތިޒާމުކޮށްފައިވާ މި ނިޒާމުގެ ތެރެއިން ހުއްޓުމެއްނެތި ކުރިޔަށް ގެންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިގޮތުން ރޭގައި އެމް.ޑީ.ޕީ އާއި، އަދާލަތާއި އަދި ޖޭޕީ ގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ޙައްޔަރުކޮށްފައިވަނީ ރޭގަނޑުގެ ވަގުތުގައި ކޯޓު ހުޅުވައި، މި ސަރުކާރުން އަނިޔާވެރިވުމަށް އިންތިޒާމުކޮށްފައިވާ ނިޒާމުގެތެރެއިން ފަސޭހަކަމާއެކު ކޯޓު އަމުރު ހޯދައިގެންކަން ފާހަގަކުރަމެވެ. މިކަން މިހެން އޮތްއިރު، ރޭގައި ޙައްޔަރުކޮށްފައިވާ އެއްވެސް ފަރާތަކާ، ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ފުރުސަތު ރެއިން ފެށިގެން މިއަދުގެ 1:30 ފަހަނާޅައި ދިއައިރުވެސް ފުލުހުން ދީފައި ނުވާކަން ފާހަގަކުރަމެވެ.

އަދި މޭ ޑޭ ގެ މުޒާހަރާގެ އެތައް ދުވަހެއް ކުރިންސުރެ ފެށިގެން ސަރުކާރުގެ އަމުރަށް ފުލުހުން މުޒާހަރާގައި ބައިވެރިވާ ފަރާތްތަކަށް ޤާނޫނާ ޚިލާފަށް އިންޒާރުތައްދީ، ބިރުދައްކައި، އަދި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަޒީފާގެ ބިރުދައްކައި އެތައް ގޮތަކުން ފުރައްސާރަކޮށް މޭ ޑޭ ގެ ބޮޑު މުޒާހަރާ ހުއްޓުވުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަން ފާހަގަކުރަމެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކޮންމެ ރެޔަކު މާލޭގައި ކުރަމުން ގެންދިއަ މުޒާހަރާތަކަށް ވެސް ފުލުހުން ހުރަސްއަޅައި ޤާނޫނާ ކަނޑައެޅިގެން ޚިލާފު އަމުރުތައްކޮށް، އެއްވެ އުޅުމުގެ ޙައްޤު ނިގުޅައިގަނެފައިވާކަން ފާހަގަކުރަމެވެ.

ރޭގެ ވަގުތުތަކުގައި މަގުމަތީގައި އެއްވެފައިވާ މީހުންގެ ތެރެއަށް ފުލުހުން ބާރު ސްޕީޑްގައި ވެހިކަލްތަކުގައާއި އަދި ދުވެފައި ވަދެގަނެ ޗާރޖްކޮށްފައިވާއިރު، ގިނަ އަދަދަކަށް މީހުންގެ ގަޔަށް ޕެޕަރ ސްޕްރޭއާއި، ޓިއަރ ގޭސް ޖަހައި، އަދި ސްޓަން ގްރެނޭޑް ބޭނުންކުރުމުގެ އިތުރުން މުގުރުން ތަޅައި އަނިޔާވެރިވެފައިވާކަން ފާހަގަކުރަމެވެ. އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރަސްއަޅައި، އަނިޔާވެރިވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުވުމުގައި މި ޕާރޓީން ކުރަމުންގެންދާ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން މި ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި ސަޕޯރޓަރުންނަށް އަރުވަމެވެ.

2 މެއި 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް