އެމްޑީޕީގެ ސައުންޑް ޕިކަޕުގައި ބަޔަކު ރޯކޮށްލައިފި

MDP SoundPickup

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސައުންޑް ޕިކަޕްގައި ރޭ ދަންވަރު ބަޔަކު ރޯކޮށްލައި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ.

މި ޕިކަޕުގެ ޑްރައިވަރު ޝާހިދު އަލީ ބުނީ ޕިކަޕްގައި ރޯކޮށްލާފައި ވަނީ ރާނބާ ރެސްޓޯރަންޓް ކުރިމަތިން ޝަހީދު އަލީ ހިނގުމުގައި ޕާކުކޮށްފައި އޮއްވައި ރޭގެ ދަންވަރުގެ ވަގުތެއް ކަމަށެވެ. އަދި ޕިކަޕުގައި ރޯވެފައި ހުރި އަލިފާން ނިއްވާލީ ފުލުހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޑްރައިވަރު ބުނެއެވެ.

ޕިކަޕުގައި ރޯކުރުމުގެ ސަބަބުން އޭގެ ވާތްފަރާތު ފެންދަފަތާއި ކަނާތްފަރާތުގެ ކޭބަލް ލައިޓްތައް އެއްކޮށް އަނދައިގެން ގޮސްފައިވާ ކަމަށާއި، ޕިކަޕް ސްޓާރޓް ވެސް ނުކުރެވޭ ކަމަށެވެ. އަދި ބޮޑު މަރާމާތަކަށް ފަހު ނޫނީ އަލުން ޕިކަޕް ބޭނުން ނުކުރެވޭނޭ ކަމަށް ޝާހިދު ބުންޏެވެ.