މޭޑޭގައި ފަހަތު ގިޔަރެއް ނުހުންނާނެ، އެންމެން ވެސް ކުޅޭނީ ކުރިއަށް: އަލީ ވަހީދު

މޭޑޭގައި ފަހަތު ގިޔަރެއް ނުހުންނާނޭ ކަމަށާއި، އަދި އެދުވަހު ރައްޔިތުން ނުކުންނަނީ ފަހަތަށް ޖެހެން ނޫން ކަމަށާއި، އެންމެން ވެސް ކުޅޭނީ ކުރިއަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުން ރޭ ސޯލްޓް ރެސްޓޯރަންޓް ގައި “ގައުމީ ހަރަކާތުގެ ފަހުބަސް” މި ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފި ކަމަށް ވިދާޅުވެ ސަރުކާރުން ޚުދުމުޚްތާރު ވެރިކަމަކަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ބައެއް ކަންތައް ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ހައިކޯޓުގެ ބާރު ކަނޑުވާލައި، ކުރީގެ އުއްތަމަ ފަނޑިޔާރަށް ދިފާއުގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުދީ ވަކިކޮށް، ފަނޑިޔާރުންގެ ތެރޭގައި ހުޅަނގުން ތައުލީމް ހާސިލްކޮށްފައި ހުރި ހަމައެކަނި ފަނޑިޔާރު ވަކިކޮށް، ދައުލަތުގެ މީޑިއާ މުގުރާލައި ފުނޑުފުނޑުކޮށްލައިފި ކަމަށެވެ. މީގެ އިތުރުން އެމްޕީއެލް އިން 78 މިލިޔަން ނަގައިގެން ވަކި ޕާޓީއެއްގެ މީހުން މަޖިލީހަށް ވައްދައި އެތަން ހައިޖެކްކޮށް، އިލެކްޝަންސް ކޮމިޝަންގެ ބާރު ކަނޑުވާލައި، ދެތިން ހަތަރު ގޭންގްސްޓާރުން މުޅި ސަރުކާރު ހައިޖެކްކޮށް އެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން ބިކަކޮށްފި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިގޮތަށް މި ސަރުކާރު ވެރިކަމުގައި އޮވެއްޖެ ނަމަ ޕޯޗުގީޒުންގެ ވެރިކަމުގައި އޮތް ހާލަށް ވުރެ ރާއްޖޭގެ ހާލަތު ގޯސްވެގެން ދާނެ ކަމަށް ވެސް ރޭގެ ޕެނަލް ޑިސްކަޝަންގައި އަލީ ވަހީދު ވިދާޅުވިއެވެ.

ސަރުކާރުގެ މި އަނިޔާވެރިކަން ބޭރުދުނިޔެއިން ގާތުން ބަލަމުންދާ ކަމަށާއި، ސަރުކާރުގެ ވެރިންގެ އެކައުންޓްތައް ވަނީ ފްރީޒްކުރުމުގެ މަރުހަލާގައި ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ސިފައިންގެ މީހަކަށް ވެސް ފުލުހަކަށް ވެސް އާންމު ރައްޔިތަކަށް ވެސް ދެރަގޮތެއް ވާކަށް އެމްޑީޕީ އަކުން ޖާގައެއް ނުދޭނެ ކަމަށާއި، ފުލުހުން ވެސް ފުލުހުންގެ މެންޑޭޓާ އެއްގޮތަށް ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.

މިއިން ދުވަހަކު ސަލާމަތީ ބާރުތަކުން މުޒާހަރާއެއް ބާއްވާތީ ތައްޔާރު ނުވާ ވަރަށް ތައްޔާރުވެއްޖެ ކަމަށާއި، މި ދެ ތިން ދުވަހު އެކަނި ވެސް ފުލުހުން މޭޑޭގެ ވާހަކަ ދެއްކުމަށް 3 ނޫސް ކޮންފަރެންސް ބާއްވައިފި ކަމަށާއި، މިގޮތަށް ރައްޔިތުންގެ ހިތުގައި ބިރިވެރިކަން އުފެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވިދާޅުވެ، މޭޑޭގައި އިވިގެންދާނީ ރާއްޖޭގެ އަޤްލަބިއްޔަތު ރައްޔިތުންގެ އަޑުކަން ޔަގީންވަވަޑައިގެންފި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މޭޑޭއަކީ ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާވެރިކަމާއި، ނާއިންސާފުގެ ތެރެއިން ނެރެ އުފަލުން އުޅުމުގެ ފުރުޞަތު ލިބިގެންދާނެ ދުވަހެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެ ދުވަސް ސިފަވެގެން ދަނީ ފިނިފެންމަލެއްގެ ސިފައިގައި ކަމަށާއި، ދިވެހި ރާއްޖޭގައި މެއިޑޭއަށް ވުރެ ވަކިން އުފާވެރި ދުވަހެއް ދެން ނާންނާނެ ކަމަށާއި، ހުރިހާ ރައްޔިތުން ވެސް މި އުފާވެރި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުން މުހިއްމު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.