މޭޑޭގެ ހަރަކާތް ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަމަށާއި ވީހާވެސް ގިނަ ބަޔަކު ނިކުމެ މި ސަރުކާރުގެ އަނިޔާވެރިކަން ނިންމާލުމަށް އެދިވަޑައިގަންނަވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ޞޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ގައުމީ ހަރަކާތުގެ ފަހު މެސެޖު އިއްވުމަށް ސޯލްޓް ރެސްޓޯރަންޓް ގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަން ގައި އިބޫ ވިދާޅުވީ ކުރިމަތީގައި މިއޮތީ 25 އަހަރުގެ ސިޔާސީ ހަޔާތުގައި ދިމާވެވަޑައިގެންނެވި އެންމެ ބޮޑު ޗެލެންޖު ކަމަށާއި، މިވޭތުވެދިޔަ ދުވަސްތަކުގައި ޑިމޮކްރަސީ އަށްޓަކައި ކުރި ދަތުރުގައި ކިތަންމެ ދަތި އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެމްޑީޕީގެ މެންބަރުން ތިބީ އުއްމީދާއެކު ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި އަނިޔާވެރިކަން ނިންމަން ކުރާ މަސައްކަތް ކާމިޔާބު ވެސް ކުރެވޭނެ ކަމަށާއި، އެނބުރި ގެއަށް ވަންނާނީ މަޤްސަދު ހާސިލްކޮށްފައި ކަމަށް އިބޫ ވިދާޅުވިއެވެ.
މޭޑޭގެ އެއްވުމުގައި ކުރިމަތީގައި ތިއްބަވާނީ ޕާޓީތަކުގެ ލީޑަރޝިޕްގެ ބޭފުޅުން ކަމަށާއި، ރައްޔިތުންނާ ހަމައަށް ދެވޭނީ އެބޭފުޅުން ފަސްދީފައި ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މޭޑޭގެ ހަރަކާތުގައި ބައިވެރިވެ، ވެދެވެން އޮތް ގޮތަކުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދިނުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.
މިހާތަނަށް ރާއްޖޭގައި ސިޔާސީ އިސްވެރިން ހިމެނިވަޑައިގަންނަވާ ގޮތުން ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ގޮތުގައި ފާހަގަކުރެވޭ މި ޕެނަލް ޑިސްކަޝަންގައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު އާއި ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު ޝެއިޚް މުހައްމަދު ދީ އާއި، ޖުމްހޫރީ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމަށްވާ ޑރ. ހުސައިން ރަޝީދު ހަސަން އާއި، އަމީން އިބްރާހީމް އާއި، ޕީޕީއެމްގެ ކުރީގެ ސްޕޯކްސް ޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި، ސަންދާނު އަހައްމައިދީ ބައިވެރިވެވަޑައިގެންނެވިއެވެ.