އެއާޕޯޓުގައި މުޒާހަރާ ކުރި ކަމަށް ބުނާ އެމްޑީޕީ އަންހެން މެންބަރުންގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވައި ދެވަނަ ޝަރީޢަތް މެއި 5 އަށް ތާވަލުކޮށްފި

Anhenunge Airport Muzahara

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި އެމްޑީޕީ އަންހެން މެންބަރުންގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވައި، ވަކީލުން އައްޔަންކުރުމުގެ ފުރުސަތު ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެމައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ގާނޫނީ ވަކީލާ އިއްވެވި ދައުވާގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ 07 ވަނަ މާއްދާއާއި ހަވާލާދީ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން މުޒާހަރާ ކުރި މީހުންގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރަނީ 14 އަންހެނުންނާއި، އެއް ފިރިހެނެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އަންހެނުންގެ ރައީސާ އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުޙައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.
މައްސަލައިގައި ދައުވާ ކުރާ ހަމައެކަނި ފިރިހެން މެންބަރުގެ އިތުރުން 3 އަންހެން މެންބަރަކު މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވަނީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވާއިރު ދެން ތިބި މީހުން ބުނީ ދައުވާއަށް ޖަވާބުދާރީ ވާނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ޝުޖާއު އުސްމާން ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް 03 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ.

މި ޝަރީޢަތުގެ ދެވަނަ ޝަރީޢަތުގެ އަޑުއެހުން އަންނަ މެއި މަހުގެ 05 ވަނަ ދުވަހުގެ 13:00އަށް ތާވަލްކޮށް އެމީހުންނާ ވަނީ ކޯޓަށް ހާޒިވުމަށް އަންގައި، ޗިޓު ހަވާލުކޮށް ފައެވެ.