އެމްޑީޕީގެ ބައެއް އަންހެން މެންބަރުންގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން ކުއްލި ގޮތަކަށް އަވަސްކޮށް މާދަމާއަށް ތާވަލު ކޮށްފި

Anhenun

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުންގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަންނަ މެއި މަހުގެ 17 ވަނަ ދުވަހަށް ތާވަލްކުރުމަށް ފަހު ކުއްލި ގޮތަކަށް އެދައުވާގެ އަޑުއެހުން އަވަސްކޮށް، މާދަމާ މެންދުރު އެކެއް ޖަހާއިރަށް އަލުން ތާވަލުކޮށްފިއެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް މުހުތާޒް މުހުސިން ވަނީ ވިދާޅުވެފައެވެ. ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 14 އަންހެނުންނާއި 1 ފިރިހެނެކެވެ. ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝިފާ މުޙައްމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ މެންބަރުން އެއާޕޯޓުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ދޫނިދޫއަށް ގެންގޮސްފައިވަނީ އަތުގައި ކޭބަލް ޓައި އަޅުވާފައެވެ. އަދި ލޯންޗުގައި އެމީހުން ގެންދިޔަ އިރު ލައިފް ޖެކެޓު ނާޅުވާ ކަމަށާއި، ލޯންޗުގައި މީހުން އުފުލުމުގެ ހުއްދަ އޮތް ވަރަށް ވުރެ އިތުރަށް މީހުން އަރުވާފައި ތިބި ކަމަށް ވެސް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވިއެވެ.

” 18 މީހުން އުފުލޭ ލޯންޗަކަށް އެތަނުން ހައްޔަރު ކުރި 15 މީހުންގެ އިތުރުން ނުވަ ފުލުހަކު ވެސް ދަތުރު ކުރި”، އަނަސް ޢަބްދުއްސައްތާރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެއާޕޯޓުން ހައްޔަރު ކުރި އެމްޑީޕީގެ މެންބަރުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ 60 ދުވަސް ވަންދެން މުޒާހަރާއަށް ނުދިއުމަށް ޝަރުތު ކުރުމަށްފަހުއެވެ. .