މެއިޑޭގެ ވާހަކަ ފެށީއްސުރެ ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފެށީ ސިޓީ ކައުންސިލަށް ދަތިކުރުމަށް – ޝިފާ

CDnYDC0WgAIIUsM

އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ހަރަކާތުން މެއި މަހުގެ 1 ވަނަ ދުވަހު އިހުތިޖާޖުކުރާނޭ ވާހަކަ ދައްކަން ފެށުމާ އެކު ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފެށީ މާލެ ސިޓީ ކައުންސިލަށް ދަތިކުރުމަށް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސޯސަން މަގު ދެކުނު ކޮޅުގައި “އަނިޔާވެރިކަން ނިންމަން” މި ނަމުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ ސިޓީ ކައުންސިލަށް ދަތިކުރުމަކީ ރައްޔިތުންނަށް ދަތިކުރުން ކަމަށާއި، ސިޓީ ކައުންސިލް ހިންގަމުންދިޔަ އިމާރާތް ހުސްކުރަން ދީފައިވާ މުހުލަތު ހަމަވުމުގެ މާކުރިން އެތަނަށް ފުލުހުން ފޮނުވައި ބާރުގެ ބޭނުންކޮށްގެން ސިޓީ ކައުންސިލް ނެގީ ރައްޔިތުން މަޅީގައި ޖައްސައި، މެއިޑޭ އައުމުގެ ކުރިން ބަޔަކު ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށާއި، އެހެން ނަމަވެސް ރައްޔިތުން އެއަށްވުރެ މާ ހުޝިޔާރު ކަމަށް ޝިފާ ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި ޑިމޮކްރެޓިކް ބޭފުޅެއް ނޫން ކަމަށާއި، މިހާރުން މިހާރަށް ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ޑިމޮކްރެޓިކް ވެއްޓެއްގައި ވެރިކަން ކުރެއްވޭނޭ ބޭފުޅެއް ނޫންކަން މިހާރު ދިވެހިރައްޔިތުން ދަންނާނޭ ކަމަށެވެ.
ދިވެހި ރައްޔިތުންނަކީ ފިސާރި ކެތްތެރި ބައެއް ކަމަށާއި، ރައްޔިތުން އިންތިޚާބުކޮށްފައިވާ އެތައް ބަޔަކަށް ނުހައްގުން އަނިޔާވެރިވަމުންދާއިރު ވެސް ރައްޔިތުން ކެތްތެރިކަން އިސްކޮށްފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ކެތްތެރިކަން އިސްކުރަނީ މެއިޑޭ ކުރިއަށް އޮތުމުން ކަމަށް ވިދާޅުވެ، ސިވިލް ސަރވިސް މުވައްޒަފުންނާއި، ހުރިހާ ދިވެހި ރައްޔިތުން މެއިޑޭގައި ނިކުމެ މި އަނިޔާވެރިކަން ނިންމުމުގައި ބައިވެރިވުމަށް ޝިފާ ގޮވާލެއްވިއެވެ.