މި ފެށޭ މޭމަހުގެ ތެރޭގައި ރައީސް ނަޝީދު އަނބުރާ ގެއަށް ގެންނާނެ: އަލީ ވަހީދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޤާނޫނީ އިމުގެ ތެރެއިން މި ފެށޭ މޭމަހުގެ ތެރޭގައި އަނބުރާ ގެއަށް ގެންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުން ރޭ ވިލިމާލޭ އެމްޑީޕީ ހަރުގެ ކުރިމަތީގައި “އަނިޔާވެރިކަން ނިންމަން” މި ނަމުގައި ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ މި އޭޕްރީލް މަސް ނިމިގެން ދިވެހިރައްޔިތުންނާ ބައްދަލުކުރާނީ ރައީސް ނަޝީދު މިނިވަންވާ މަހާ ކަމަށެވެ. މީގެ އިތުރުން ގައުމީ ހަރަކާތުގެ ބައިވެރިން ރައީސް ޔާމީންގެ ވެރިކަން ބޭނުންވެގެން ނޫޅޭކަމަށާއި އެހެންނަމަވެސް ވެރިކަން ކުރަންޖެހޭނީ ރައްޔިތުންނަށް އަނިޔާނުކޮށް އަދި ޖަލަށްލާފައި ތިއްބެވި ސިޔާސީ ބޭފުޅުން މިނިވަންކޮށްގެން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަށާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމަށް އަނިޔާކޮށް ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމްގެ މުދާ ނަގައި ސިޔާސީ އެކިއެކި ހައްޔަރީން އެކި ތުހުމަތުގައި ޖަލަށް ލައިގެން އަނިޔާކޮށް، ރާއްޖޭގެ ރައްޔިތުން ބިކަކުރުމުގެ ޖާގަ ރައީސް ޔާމީނުގެ ސަރުކާރަށް ނުދޭނެ ކަމަށް ވެސް ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވިއެވެ.

މޭޑޭގެ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ދައްކާ ބިރަކީ ގޭންގުތައް ނެރުމުގެ ބިރު ކަމަށާއި ގޭންގުތަކާއި، ކުއްތާ ނެރުނު ކަމުގައި ވިޔަސް އެ ދުވަހުގެ ހަރަކާތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށާއި، ރާއްޖޭގެ ޑިމޮކްރެސީ އަލުން ގާއިމްކޮށް އަނިޔާވެރިކަން ނައްތާލައި ރައީސް ނަޝީދު މިނިވަން ކުރުމަށް އެއްވެސް ރައްޔިތަކު ޖެހިލުނުވެ މޭ 01 ވަނަ ދުވަހަށް މާލެ އެރުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒޭނާ އާދަމް ވިދާޅުވީ ފެއިލްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން މިސަރުކާރުން ކުރަނީ ދެކޮޅު ނުޖެހޭ ކަންތައްތައް ކަމަށާއި، ކޮންމެ ގާނޫނެއް ފާސްކުރި ނަމަވެސް އެމްޑީޕީގެ ރައީސް އަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ މެންބަރުން ބަލައިގަންނާނޭ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން މަސައްކަތް ކުރަނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް ތަފާތު އެކި އުނދަގޫ ކުރިމަތިވާ ފަދަ ގާނޫނުތައް ފާސްކުރުމަށް ކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ރޭގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑ) ވެސް ވާހަކަފުޅުދެއްކެވިއެވެ. ރައްޔިތުންނަން ވެފައިވާ ވައުދުތަކާއި ހިލާފުވުމަކީ ވެސް ރައްޔިތުންނަން އަނިޔާވެރިވުން ކަމަށާއި، ކަރަންޓް ސަބްސިޑީ ކަނޑާލުމުން ކަރަންޓް ބިލް ތިން ގުނަ ބޮޑުވެގެން ދިޔަ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.