ބިލެއްދޫ ޖަލްސާ ގައި ޝިފާޒް ވާހަކަފުޅުދައްކަވަނީ
މެއި މަހުގެ 1 ވަނަ ދުވަހު ނުކުންނަނީ ދިވެހި ފުލުހުންނާއި ސިފައިނަށް ކުރިމަތިވެފައި އޮތް ބިރުވެރިކަމުން ސަލާމަތް ކުރަން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު
ޝިފާޒް ވިދާޅުވެއްޖެއެވެ.
ފ.ބިލެއްދޫގައި އަނިޔާވެރިކަމާ ދެކޮޅަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝިފާޒް ވިދާޅުވީ ދިވެހި ފުލުހުންނާ ސިފައިން ތިބީ ސިޔާސީ ނުފޫޒާއި ސިޔާސީ ވެރިންގެ ވަކިތަކުގެ ދަށުގައި ކަމަށާއި، އެ އަޅުވެތިކަމުން އެ ދެ މުވައްސަސާ ސަލާމަތްކޮށް މިނިވަން ކުރުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމިން އަކީ ދިވެހި ރައްޔިތުންނަން ހެޔޮވެރިކަމެއް ކޮށްދޭވަން އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަނީ ފާފު އަތޮޅު ސައުދީގެ ރަސްގެފާނަށް ވިއްކާލުމަށް ކަމަށެވެ. އަދި މެއި މަހުގެ އެއްވަނަ ދުވަހު އަނިޔާވެރިކަމަށް ނިމުމެއް ގެންނާނޭ ކަމަށާއި، ވަކިން ޚާއްސަކޮށް ރައީސް ނަޝީދު ޖަލުގައި އޮތްހާ ދުވަހަކު މުޒާހަރާ ކުރާނޭ ކަމަށެވެ.
ދިވެހި ރައްޔިތުން މި ސަރުކާރާ ދެކޮޅުވެރިވީ ޑިމޮކްރެސީގެ ހަމަތައް ނެތި ގޮސް ޚުދުމުޚްތާރުކަން އިސްކުރުމުން ކަމަށާއި، އެގޮތުން އޮޑިޓަރ ޖެނެރަލް ކަމަށް ޕީޕީއެމަށް ވާގިވެރިވާ މީހަކު ނެގުމާއި، ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވޭ ގޮތް ހެދުމާއި، މިނިވަން މުވައްސަސާތަކުގެ ފިޔަކޮށާލައި، މަޖިލިސް ހިސާރުކުރިކުރުން ޝިފާޒް ފާހަގަކުރެއްވިއެވެ.
މުޅި ބިލެއްދޫގެ ރައްޔިތުންނާއި ފާފު އަތޮޅުގެ ރައްޔިތުން މޭ މަހުގެ 1 ވަނަ ދުވަހު މާލެ އަރާނެ ކަމަށާއި، އެ ދުވަހު ދިވެހި ރައްޔިތުން އަރާ މާލެ ފުރާލާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ. އަދި އެދުވަހު ދުވަން ޖެހިއްޖެ ނަމަ ދުވާނެ ކަމަށާއި، ހިނގަން ޖެހިންގެ ނަމަ ހިނގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެއި 1 ވަނަ ދުވަހު މާލެ ގޮސް ތިމަންނާމެންނަށް ވަކިކުރެވޭނީ ކޮންކަމެއްތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި، ކޮންމެ މީހަކީ ވެސް ގާބިލް މީހެއް ކަމަށާއި، ރާއްޖެއަށް ކުޅިވަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފް ކަމަށްވާ ސާފު ޗެންޕިއަންޝިޕް ރާއްޖެއަށް ލިބުމުގެ ކުރިން އެ ޝަރަފް ރާއްޖެއަށް ހޯދައިދޭނީ މުޚްތާރު ނަސީރުގެ ގޯލަކުންކަން އެނގެނީ ކިތައް މީހުންނަށްތޯ ޝިފާޒް ސުވާލުކުރެއްވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވީ ޒުވާނުންނަށް ޖެހެނީ ކޮންޓްރެކްޓް އުސޫލުން ސަރުކާރުގެ ބައެއް ވަޒީރުން ޙަވާލުކުރާ ޖަރީމާތައް ހިންގަން ކަމަށާއި އެގޮތަށް ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކާ ކުރިމަތި ލުމަށް މަގުމަތީގައި އުޅޭ ޒުވާނުން ނެރުމުގެ ސަބަބުން މިއަދު ވަޅި ޖެހުމަކީ ބައެއް ޒުވާނުންނަށް ވަޒީފާއަކަށް ވެފައިވާ ކަމަށެވެ.
ބިލެއްދޫގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ބިލެއްދޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.