އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތައް އިހަވަންދޫ ދާއިރާގައި ވެސް ބާރަށް ކުރިޔަށް އެބަދޭ

Presentation1

އަނިޔާވެރިކަމާ ދެކޮޅު ހަރަކާތްތައް ހއ.އިހަވަންދޫ ދާއިރާގައި ވެސް ބާރަށް ކުރިޔަށްދާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިހަވަންދޫ ދާއިރާގެ ރައީސް އަހުމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަހުމަދު ޢަބްދުﷲ ވިދާޅުވީ އިހަވަންދޫ ދާއިރާގެ މޮޅަދޫ އާއި އިހަވަންދޫގައި ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ ސޮއިކުރަމުންދާ ޕެޓިޝަން ފޯމުތަކުގެ މަސައްކަތް އިއްޔެ އާއި ރޭ ކުރިޔަށް ގެންދިޔަ ކަމަށާއި، މިއަދު މާރަންދޫގައި އެ މަސައްކަތްކުރިއަށްދާނޭ ކަމަށެވެ.
ރޭ އިހަވަންދޫގައި އަނިޔާވެރިކަމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަންމަތީ ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށް އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.
ރޭގެ ކަންމަތީ ބައްދަލުވުމުގައި އަހުމަދު ޢަބްދުﷲގެ އިތުރުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި، އަތޮޅު ކައުންސިލްގެ ދެ މެންބަރުން ކަމަށްވާ ޢަބްދުﷲ ޙުސައިން އާއި، ޢަލީ ޝަމީމް އާއި، އިހަވަންދޫ ކައުންސިލްގެ މެންބަރު އަލީ ރަމީޒް އާއި ޒުވާނުންގެ ތެރެއިން ފިރާޒް ފާރޫގް ވާހަކަދެއްކެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަމާއި އޮޅުވާލުން އިންތިހާއަށް ގޮސްފައިވާ ކަމަށާއި، މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް މި ސަރުކާރުން މަކަރުހަދައި، އޮޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތުން ޑިގްރީ ފެންވަރަށް ކިޔަވައިގެން ތިބި ތައުލީމީ ގާބިލް ޒުވާނުން ވަޒީފާ ލިބޭތޯ މިހާރު އާދޭސްކުރަން ދާން ޖެހެނީ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން މަސްތުވެފައި ތިބޭ ގޭންގްސްޓާރުންގެ ކައިރިއަށް ކަމަށެވެ. އެހެން ކަމުން މި ނުރައްކާތެރި ހާލަތުން ގައުމު ހަމަ މަގަށް އެޅުވުމަށް ހުރިހާ ދިވެހި ރައްޔިތުން ވެސް މެއި އެކެއްގައި އޮންނަ ބޮޑު އެއްވުމުގައި ބައިވެރިވުން މުހިންމު ކަމަށް އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.