އަނިޔާވެރިނުވެ ވެރިކަންކުރަން ނޭނގޭނަމަ ނައިބު ރައީސް އާއި ވެރިކަން ހަވާލުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލައްވައިފި

އަނިޔާވެރިނުވެ ވެރިކަންކުރަން ނޭނގޭނަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ވެރިކަން ހަވާލުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަލީ ވަހީދު ގޮވާލައްވައިފިއެވެ.

އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން އުފައްދާފައިވާ ގައުމީ ހަރަކާތުން ބ. އަތޮޅު ތުޅާދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މެއި މަހުގެ އެއްވަނަ ދުވަހު ގައުމީ ހަރަކާތުން ނިކުންނަނީ އަނިޔާވެރިކަން ހުއްޓުވަން ކަމަށާއި، މިހާރު މިއޮތް ވެރިކަން ވައްޓާލާކަށް ނޫން ކަމަށެވެ. ދިވެހިރައްޔިތުން ބޭނުންވަނީ އަނިޔާވެރިނުވެ، ކޮންމެ ރައްޔިތަކާއި މެދު ވެސް ހަމަހަމަކަމާއި، އިންސާފުން ކަންކަންކުރާ ރައީސެއްކަމަށާއި، އެގޮތަށް ކަންތައްކުރަން ނޭނގޭނަމަ އިސްތިއުފާދެއްވައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ވެރިކަން ހަވާލުކުރުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން ވެސް އަދި އެމްޑީޕީއާއެކު ތިބި ބަޔަކުވެސް ބަޣާވާތެއް ނުކުރާނޭ ކަމަށާއި، އެހެން ނަމަވެސް އަނިޔާވެރިކަން ނިމުމަކަށް ގެނެސް އަނިޔާވެރިކަން “ވައްޓާލާނޭ” ކަމަށެވެ.
މިހާރު އާންމުވެފައިވާ މި ސަރުކާރުގެ އަނިޔާވެރިކަން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވެސް ފޯރަމުންދާ ކަމަށާއި، އެހެން ކަމުން މައުމޫނުގެ ދުވަސް ވެސް ދިއުމުގެ ކުރިން ވަކި ޕާޓީއަކަށް ބެލުމެއްނެތި މާލެ އައިސް މި އަނިޔާވެރިކަން ނިންމަންޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.