މެއިޑޭއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ މަކުނުދޫގައި ބައްދަލުވުމެއް ބާއްވައިފި

Presentation1

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހދ.މަކުނުދޫ މިނިވަން ގޮފިން އިސްނަގައިގެން މެއިޑޭގެ ތައްޔާރީތަކާ ބެހޭ ގޮތުން އެރަށުގައި ހުކުރު ދުވަހުގެރޭ ބައްދަލުވުމެއް ބާއްވައިފިއެވެ.
މަކުނުދޫ އަދާލަތު ގޮފީގެ މެންބަރުންނާއި އަނިޔާވެރިކަމާ ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ބައްދަލުވުމުގައި އެމްޑީޕީ މަކުނުދޫ ގޮފީގެ ރައީސް ހާމިދު އިބްރާހީމް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މެއިޑޭގައި މޭ އައްޑަނައަކަށް ހަދައިގެން ނިކުތުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި މެއިޑޭގައި އަނިޔާވެރިކަން ނިމުމަކަށް ގެނެވޭނެ ކަމުގެ ޔަގީން ކަން ލިބިފައިވާ ކަމަށް ވެސް ހާމިދު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ހާމިދު އިތުރަށް ވިދާޅުވީ މި ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ނެތި ގޮސް ޚުދުމުޚްތާރު ކަމާއި، އަނިޔާވެރިކަން އާންމުވެފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ މަކުނުދޫ ގޮފީގެ ރައީސް އަދި މަކުނުދޫ ކައުންސިލް މެންބަރު އަބްދުﷲ ހަމީދު ދެއްކެވި ވާހަކައިގައި އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމަށާއި، އެ މަސައްކަތް ކާމިޔާބުވަންދެން ސާބިތުކަމާ އެކު އެ މަސައްކަތުގައި މަކުނުދޫ އަދާލަތު ޕާޓީގެ މެންބަރުން ދެމިތިބޭނޭ ކަމަށް ވިދާޅުވިއެވެ.