އެމްޑީޕީގެ އިސް ވަފްދެއް ފާފު އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވަމުން އެބަގެންދަވާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް ވަފްދެއް ފާފު އަތޮޅަށް ޒިޔާރަތްކުރައްވަމުން އެބަގެންދަވައެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް އަހުމަދު އާދިލް ވިދާޅުވީ ފާފު އަތޮޅުޅަށް މިކުރާ ދަތުރުގައި މިހާތަނަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ފ.ފީއައްޔަށް ޒިޔާރަތްކޮށް އެރަށުގެ މަސްވެރިންނާއި، އާންމު ރައްޔިތުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާއި، މިރޭ ފ.މަގޫދޫގައި ކަންމަތީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ފ.މަގޫދޫގައި މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި، މާލެ ސިޓީގެ މޭޔަރ މުޙައްމަދު ޝިހާބުގެ އިތުރުން ފ. އަތޮޅު ކައުންސިލް މެންބަރު އުމަރު ޒާހިރާއި، މަގޫދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ވަހީދު ވާހަކަދެއްކެވިއެވެ.

ޝިފާޒްގެ ވާހަކަފުޅުގައި އަނިޔާވެރިކަން ނިންމުމަށް ވީހާ ވެސް ގިނަ ބަޔަކު މާލެ އައުން މުހިންމު ކަމަށާއި، އިރާދަކުރެއްވިއްޔާ މެއިޑޭ އަކީ ކާމިޔާބު ދުވަހަކަށް ވެގެންދާނޭ ކަމަށް ވިދާޅުވިއިރު، ޝިހާބުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ ފާފު އަތޮޅުގެ ރަށްރަށުން އެހެން އަތޮޅުތަކުގެ ރަށްރަށަށް މީހުން ބަދަލުކޮށް ބޭރުގެ ވިޔަފާރިވެރިއަކަށް ފާފު އަތޮޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ދެކެވެމުންދާ ވާހަކަ އަށެވެ.

މި ބައްދަލުވުމުގައި އުމަރު ޒާހިރު ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި އެހުންނެވީ އެމަނިކުފާނަށް އެނޫން ދެވަނަ ގޮތެއް ނެތިގެން ނޫން ކަމަށާއި، އެމަނިކުފާނު އެއިންނެވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ލިބޭނަމަ، ލިބެމުން ދަނީ ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގެވި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކަމެތިންނާއި، އެކަނިވެރިމައިންނަށް އިނާޔަތް ދިނުމާއި، ދަތުރުފަތުރުގެ ނިޒާމާއި، އާސަންދައިގެ ޚިދުމަތް ފަދަ ޚިދުމަތްތައް ކަމަށެވެ. އެހެން ނަމަވެސް މި ޚިދުމަތްތައް ވެސް މިހާރު ވަރަށް ބޮޑަށް ދޯދިޔާވެފައިވާ ކަމަށް އުމަރު ޒާހިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓަށް މި ދަތުރާ ބެހޭ މައުލޫމާތު ދެއްވަމުން އާދިލް ވިދާޅުވީ މާދަމާ ދަރަނބޫދޫ އަށާއި، ބިލެތްދޫއަށް މި ވަފްދު ޒިޔާރަތްކުރާނޭ ކަމަށާއި، މާދަމާ ރޭގެ ޖަލްސާ އޮންނާނީ ބިލެތްދޫގައި ކަމަށެވެ.