ބ. ތުޅާދޫގެ ވަށައިގެން އޮންނަ އެ ރަށުގެ އެންމެ ބޮޑު މަގަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ނިސްބަތްކޮށް “އަންނި މަގު”ގެ ނަމުން މިއަދު ނަން ދީފި އެވެ.
އެމްޑީޕީގެ ފަސް މެންބަރުން ތިއްބަވާ ތުޅާދޫ ކައުންސިލުން ނިންމި މި ތާރީޚީ ނިންމުމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ ކައުންސިލްގެ މެންބަރު މުހައްމަދު ތައުރީފް ވިދާޅުވީ ރާއްޖޭގެ އާދަކާދަ އޮންނަ ގޮތުން ޒަމާނުއްސުރެ އަމަލުކުރަމުން އައިސްފައިވާ ގޮތަކީ އެތަނަކަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެ ބޭބޭފުޅުންނަށް ނިސްބަތްކޮށް މަގުތަކާއި، އިމާރާތްތަކާއި މިސްކިތްތައް ފަދަ ތަންތަނަށް ނަން ދިނުން ކަމަށާއި، އެ ގޮތުން ތުޅާދޫގެ ފަހުގެ ތާރީޚް ގައި އެރަށަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުޙަންމަދު ނަޝީދު ކަމަށް ވާތީ އެމަނިކުފާނުގެ އަގުވަޒަން ކުރުމުގެ ގޮތުން ތުޅާދޫގެ ވަށައިގެންވާ ބޮޑު މަގަށް އެމަނިކުފާނުގެ ނަމަށް ނިސްބަތްކުރައްވައި އަންނި މަގުގެ ނަން ދެއްވީ ކަމަށެވެ.
ތައުރީފް ވިދާޅުވީ ރަށުގެ ވަށައިގެންވާ އަންނި މަގާއި ގުޅިފައިވާ ކޮންމެ ހިސާބަކުން ވެސް ފެންނަން ހުރީ ރައީސް ނަޝީދު ކޮށްދެއްވާފައިވާ ބަނދަރު ހެދުމާއި، ބިންހިއްކުން ފަދަ ތަރައްގީގެ ބޮޑެތި މަޝްރޫޢުތައް ކަމަށެވެ.
ކޮލަމާފުށީ އަންނި ހިޔާ ހައުސިންގ ޔުނިޓްތައް
ތުޅާދޫގެ ބޮޑު މަގަށް އަންނި މަގުގެ ނަމުން ނަންދީފައިވާ އިރު، ގއ. ކޮލަމާފުށީގައި ރައީސް ނަޝީދުގެ ސަރުކާރުން އިމާރާތްކޮށްދީފައިވާ25 ހައުސިންގ ޔުނިޓް ހިމެނޭ 5 ބްލޮކަށް ވެސް ކޮލަމާފުށީ ކައުންސިލުން ނަން ދީފައިވަނީ ރައީސް ނަޝީދުގެ ނަމަށް ނިސްބަތްކޮށްފައެވެ. އެގޮތުން އެ ބްލޮކްތަކަށް ނަންދީފައި ވަނީ އަންނި ހިޔާ 1، އަންނި ހިޔާ 2، އަންނި ހިޔާ 3، އަންނި ހިޔާ 4، އަދި އަންނި ހިޔާ 5 ގެ ނަމުންނެވެ.