އަނިޔާވެރިކަމާ ދެކޮޅަށް ހޭލާގެ ނަމުގައި މިއަދު ބޭއްވި ސުލްހަވެރި ހިނގާލުމަށް ފުލުހުން ހުރަސްއެޅީ ފުލުހުންނަށް ސުލްހަ ރަމްޒުކޮށްދޭ ހުދު ފިނިފެންމާތަކެއް ދިނުމުން – އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް އަޒްމީލް

Zuvaanun ge Muzahara Maadhinun White Roseމިއަދުގެ ހިނގާލުމުގައި ފުލުހުންނަށް މާ ދެނީ

އަނިޔާވެރިކަމާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން މިއަދު ބޭއްވި ސުލްހަވެރި ހިނގާލުމަށް ފުލުހުން ހުރަސްއެޅީ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގައިގެން ނޫން ކަމަށާއި، ސުލްހަވެރިކަން ރަމްޒުކޮށްދޭ ހުދު ފިނިފެންމާތަކެއް ފުލުހުންނަށް ދިނުމުން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޒުވާނުންގެ ގޮފީގެ ރައީސް މުޙައްމަދު އަޒްމީލް (އަޒޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަސްމީ ވެބްސައިޓަށް މައުލޫމާތުދެއްވަމުން އަޒޫ ވިދާޅުވީ މި ހިނގާލުން ކުރިޔަށް ދިޔައީ ވަރަށް ސުލްހަވެރިކަމާ އެކު ކަމަށާއި، ހިނގާލުން ކުރިޔަށް ގޮސް ގަޑިބުރު ކައިރިން ފުލުހުންނަށް ހުދު ފިނިފެންމާތަކެއް ހަދިޔާކުރަން އުޅުމުން އެ ފިނިފެންމާތައް ބަލައިގަތުމުގެ ބަދަލުގައި ޕެޕަރސްޕްރޭ ޖަހައި ފުލުހުން ހިނގާލުން ހުއްޓުވަން މަސައްކަތްކުރި ކަމަށެވެ.

” މިއަދުގެ ހިނގާލުން ކުރިޔަށް ދިޔައީ ވަރަށް ސަޅިކޮށް ވަރަށް ސުލްހަވެރިކަމާ އެކު، އެކި ހިސާބުތަކަށް މަޑުކޮށް ޒުވާނުންގެ އަޑު އުފުލަމުން. ވަކި ހިސާބަކުން ފުލުހުން މި ބުނަނީ އެއްވެސް ތަނެއްގައި މަޑުކޮށްގެން ނުވާނެއޭ. މަޑުކޮށްފިއްޔާ ހިނގާލުން ރޫޅާލާނަމޭ. ހުދުކުލަ ރަމްޒުކޮށްދެނީ އަމާންކަމާ ސުލްހަވެރިކަން. އަދި އެކުވެރިކަން. އެހެންވެގެން އަޅުގަނޑުމެން ގަޑިބުރު ކައިރިން ފުލުހުންނަށް ހުދުކުލައިގެ ފިނިފެންމާ ދިނީ މި ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއްކަން ހާމަކޮށްދިނުމަށް. އަދި ހިނގާލުމުގައި އަޅުގަނޑުމެން ފުލުހުންނާ ކުރިމަތިލާން ބޭނުން ނުވާކަން ހާމަކޮށް ދިނުމަށް. އެކަމަކު ފުލުހުންނަށް މާދިނުމާ އެކީ ހިނގާލުމުގެ ބައިވެރިންނާ ކުރިމަތިލައި، ޕެޕަރސްޕްރޭ ޖަހައި އެތަނުން 3 ކުއްޖަކު ހައްޔަރުކޮށް ހިނގާލުން ހުއްޓުވާލަން އެ ބޭފުޅުން މަސައްކަތްކުރީ”. އަޒޫ ވިދާޅުވިއެވެ.

“ހޭލާ”ގެ ނަމުގައި މިއަދު ހަވީރު 4.30 ގައި އުސްފަސްގަނޑުން ފެށި މިހިނގާލުމުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޒުވާނުންގެ އިތުރުން އަނިޔާވެރިކަން ނިންމުމަށް އެދޭ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާފައިވާކަން ފާހަގަކުރެވެއެވެ.

މި ހިނގާލުމުގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ހުސައިން ހުޒާމް ވިދާޅުވީ ޒުވާނުން މިއަދު މި ނުކުތީ، މި ސަރުކަރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި، ސަރުކާރަށް ދޭން ބޭނުންވާ މެސެޖަކީ ދިވެހި ރާއްޖޭގެ ގިނަ ޒުވާނުން ތިބީ އަނިޔާވެރިކަމާ ދެކޮޅަށް ކަމުގެ މެސެޖު ކަމަށެވެ.

މި ހިނގާލުން ނިންމާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެހެނިހެން ސިޔާސީ ހައްޔަރީންގެ މިނިވަން ކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އެދި ކުރެވުނު ދުޢާއަކުންނެވެ.