ރައީސް ނަޝީދުގެ ހަށިކޮޅަށް ނުވަތަ ފުރާނައަށް ގެއްލުން ދިނުމުގެ އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި ސަރުކާރުގެ އިސް ވެރިޔަކު ހޯދާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ނާއިންސާފުން ޙުކުމްކޮށް، ރައީސް ޢަބްދުﷲ ޔާމިންގެ އަނިޔާވެރި ސަރުކާރުގެ އަތްދަށުގައި އެމަނިކުފާނު ޙައްޔަރުކޮށްފައިވާއިރު، އެމަނިކުފާނުގެ ހަށިކޮޅަށް ނުވަތަ ފުރާނައަށް ގެއްލުންދިނުމުގެ ޢަމަލެއް ހިންގުމުގެ ބޭނުމުގައި މި ސަރުކާރުގެ އިސް ވެރިޔަކު، ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއް މެދުވެރިކޮށް “އެނިސްތީޒިއާ” ނުވަތަ ހޭނައްތައި ޚަބަރުހުސްކޮށްލުމުގައި ބޭނުންކުރާ ބާރުގަދަ ހުރިހައި ތަކެއްޗެއް މީގެ ދުވަސްކޮޅެއް ކުރިން ހޯދާފައިވާކަމުގެ އިތުބާރުހުރި މަޢުލޫމާތު ރައީސް ނަޝީދުގެ އާއިލާއަށާއި މި ޕާރޓީއަށް ލިބިފައިވާތީ، އެކަމުގައި އިންތިހާއަށް ކަންބޮޑުވުންފާޅުކުރަމެވެ.

ސިއްޙީ ކަންކަމުގައި އޮޕަރޭޝަން ކުރުންފަދަ ވަކި ޚާއްޞަ ޙާލަތްތަކުގައި ބޭނުންކުރާ އެފަދަ ބާރުގަދަ ހޭނައްތާ ތަކެތި، ސިއްޙީދާއިރާއިން ބޭރުގައި އަމިއްލަ ބޭނުމަށް ހޯދުމަކީ ކަނޑައެޅިގެން މަނާކަމަކަށްވެފައި، އަދި އެފަދަ ނުރައްކާތެރި ތަކެތި ސިއްޙީދާއިރާއިން ބޭރުގައި އާންމުކޮށް ގެންގުޅެނީ ބޮޑެތި ޖަރީމާތައް ދުނިޔޭގައި ހިންގާ ފަރާތްތަކުން އިންސާނުންގެ ހަށިފުރާނައަށް ނުރައްކާކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށްކަން ފާހަގަކުރަމެވެ. އެހެންކަމުން މި ސަރުކާރުގެ އިސް ވެރިޔަކު، ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއް މެދުވެރިކޮށް “އެނިސްތީޒިއާ” ނުވަތަ ހޭނައްތައި ޚަބަރުހުސްކޮށްލުމުގައި ބޭނުންކުރާ ބާރުގަދަ ކްލޯރޮފޯރމް ފަދަ ހުރިހައި ތަކެއްޗެއް އަމިއްލަ ބޭނުމަށް މިދުވަސްކޮޅުގައި ހޯދުމަކީ ކަންބޮޑުވާކަމެކެވެ. އަދި އެތަކެތި ހޯދާފައިވަނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ނުވަތަ ފުރާނައަށް ގެއްލުންދިނުމަށް ކަމަށް އިތުބާރުހުރި މަޢުލޫމާތު ލިބިފައިވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ރައީސް ނަޝީދު ހައްޔަރުކުރިފަހުން އެމަނިކުފާނަށް އެފަދަ ނުރައްކާ ކުރިމަތިކުރުވުމަށް ސަރުކާރުން ރާވާފައިވާކަމުގެ މަޢުލޫމާތު މީގެކުރިން ވެސް ލިބިފައިވީހިނދު، އެކަން ހުއްޓުވުމަށް އެމަނިކުފާނުގެ އާއިލާއާއި އެމް.ޑީ.ޕީ އިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާނުގެ ހަށިކޮޅާއި ފުރާނައަށް ގެއްލުންދެނިވި އަމަލުތަކުން އެމަނިކުފާނު ރައްކާތެރިކޮށްދިނުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އަޅުއްވައިދެއްވުމަށް ހިޔުމަން ރައިޓްސް ކޮމިޝަނާއި، ރާއްޖޭގެ ކަމާބެހޭ އެންމެހައި ފަރާތްތަކާއި އެކުވެރި ދައުލަތްތަކާއި ބައިނަލްއަޤުވާމީ އެންމެހައި ފަރާތްތަކަށް އެމް.ޑީ.ޕީ އިން ގޮވައިލަމެވެ.

23 އޭޕްރިލް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް