ގއ.ވިލިނގިއްޔާއި ރ.މަޑުއްވަރި އަދި އއ.ރަސްދޫ ދާއިރާއިން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ފޯމު ގއ. ވިލިނގިލި، ރ.މަޑުއްވަރި އަދި އއ.ރަސްދޫ ދާއިރާއިން އެމްޑީޕީ އޮފީހާ ހަވާލުކޮށްފިއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި މި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ ވިލިނގިލީގެ ޕެޓިޝަން ފޯމުތައް ހަވާލުކޮށްދެއްވީ ވިލިނގިލީ އެމްޑީޕީ މަކައްލާ ގޮފީގެ ރައީސް އަމީޒް ހަސަން އެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ. ރަސްދޫގެ ޕެޓިޝަން ފޯމުތައް ހަވާލުކޮށްދެއްވީ ރަސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނާހިދެވެ. މި ފޯމުތަކާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ދުވަހަކު ވެސް ގިނަ ދާއިރާތަކުންނާއި ވަކިވަކި ރަށްރަށުން އެމްޑީޕީ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމުތައް ހަވާލުކުރަމުންދާކަން ފާހަގަކުރެވެއެވެ.